ބޮކްސާ ތެރެއިން 100 ގްރާމްގެ މަސްތުވާތަކެތި ފެނުމުން އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސް: ބޮކްސާ ތެރެއިން 100 ގްރާމްގެ މަސްތުވާތަކެތި ފެނުމުން މީހަކު ވަނީ އުމުރަށް ޖަލަށްލާފައި --

އައްޑޫ ސިޓީން ފުވައްމުލައް ސިޓީއަށް ދަތުރުކުރާ ފެރީއެއްގައި ހުރި މީހެއްގެ ބޮކްސާ ތެރެއިން 100 ގްރާމްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ޖަލަށް ލާފައިވަނީ މާލެ، މ. ސެންޓްހެލީނާ، އަހުމަދު މިފްޒާލެވެ.

އައްޑޫ ސިޓީން ފުވައްމުލަކަށް ދަތުރު ކުރާ ފެރީއެއްގައި ހުއްޓާ ފުލުހުންވަނީ އޭނާ ބަލައި ފާސްކުރުމަށް ސަދަން ޓްރާންސްޕޯޓް ލިންކްގެ އޮފީސް ތެރެއަށް ގެންގޮސްފައެވެ. އަދި، ސުވާލުކުރުމުން އޭނާ އަމިއްލައަށް ބޮކްސާ ތެރެއިން ނަގައި ފުލުހުންނަށް ޕެކޭޖެއް ހަވާލުކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އެ ޕެކޭޖަކީ އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް ޖޫސްޕެޓީ ކޮތަޅެއް ކަމަށާއި އޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އޭގެ ބަރުމިނުގައި 100.8972 ގްރާމް ހުރިކަމަށް ބުނެފައިވެއެވެ.

އޭނާގެ ކުޑަކަމުދާ ތަކެތީގެ ތަހުލީލީ ރިޕޯޓުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ވަނީ ހާމަވެފައެވެ.

އެހެންވެ، އޭނާގެ މައްޗަށް އުފުލި ދެ ދައުވާއަށް އިންކާރުކުރި ނަމަވެސް ދެ ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެއް ހުކުމަކީ، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާތީ، 25 އަހަރަށް ޖަލަށްލައި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ހުކުމަކީ އޭނާ ކެނެބިސް ބޭނުންކުރިކަން ހުށަހަޅާފައިވާ ހެއްކާއި ގަރީނާއިން އެކަން ޝަރީއަތަށް ސާބިތުވާތީ، ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމެވެ.

ޖޫރިމަނާގެ ފައިސާ 12 މަސް ދުވަހުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް އެ ހުކުމުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް