ކުޑަކުއްޖަކު މެދުވެރިކޮށް ޑްރަގު މުއާމަލާތް ކުރާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.
ކުޑަކުއްޖަކު މެދުވެރިކޮށް ޑްރަގުގެ މުއާމަލާތްތައް ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ވ. ސެޓެލައިޓް އަހްމަދު ނައީމާއި، ވ. ނާޒްލީމަންޒިލް ހަސަން ނުއާޒެވެ.
ހަސަން ނުއާޒާއި، އަހްމަދު ނައީމް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންގެ ބަންދަށްވެސްވަނީ މިއަދު 30 ދުވަސް ޖަހައިފައެވެ. މި ދެ މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތެވެ.
މި ދެ މީހުންގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ދެ މީހުންގެ މެޗުގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ކޮށްފައިވެއެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ވަރަށް ބޮޑު ކުށެކެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގައި ބަޔާންކުރަނީ މަސްތުވާތަކެތީގެ ކުށެއް ކުރުމުގައި ކުޑަކުއްޖަކު (18 އަހަރު ނުފުރޭ ކުއްޖަކު) ބޭނުންކުރުމަކީ ކުށެއް ކަމަށެވެ.
މީގެ ތެރޭގައި މަސްތުވާތަކެތި އުފުލުން، ވިއްކުން، އެހެން ފަރާތަކާ ޙަވާލުކުރުން ނުވަތަ އެނޫން ވެސް ވިޔަފާރީގެ މުޢާމަލާތެއްގައި ކުއްޖަކު ބައިވެރިކުރުން ހިމެނެއެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، ކުއްޖަކު ބޭނުންކޮށްގެން މިފަދަ ކުށެއް ކުރުވައިފި ނަމަ، އެ ކުށަކަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު އެމީހަކަށް ދެވޭނެއެވެ. މިސާލަކަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި ކުއްޖަކު ބޭނުންކޮށްފި ނަމަ، އެމީހަކަށް އަންނާނީ އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުޑަކުދިން އެކި ބާވަތުގެ ނުރައްކާތަކުންނާއި، އެކްސްޕްލޮއިޓް ކުރުމުން ރައްކާތެރިކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމްކަމެކެވެ.