އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ޣައްޒާ ހުސްކުރުމަށް މިހާތަނަށް ނެރުނު 55 އަމުރު ތަންފީޒު ކޮށްފައިވާ ކަމަށް އދ. އިން ބުނެފިއެވެ.
އެ އަމުރުތަކުގެ ސަބަބުން ޣައްޒާގެ 85 އިންސައްތަ ސަރަހައްދު ހުސްކުރެވޭނެ ކަމަށްވެސް އދ ން ބުނެއެވެ.
"16 ސެޕްޓެމްބަރުގެ ނިޔަލަށް ޣައްޒާގެ 85 އިންސައްތައަށް ވުރެ ގިނަ ސަރަހައްދު ހުސްކުރުމަށް 55 އަށް ވުރެ ގިނަ އަމުރު ތަންފީޒު ކުރުން ކުރިއަށް އެބަދޭ. އެންމެ ފަހުން ނެރުނު އަމުރު ނެރުނީ ޣައްޒާގެ އުތުރުން ހޮނިހިރު ދުވަހު،" އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ސްޓެފަން ޑޫޖަރިކް ވިދާޅުވިއެވެ.
އެކި ސަރަހައްދުތައް ހުސްކުރުމަށް އިސްރާއީލުން ނެރޭ އަމުރުތަކުގެ ސަބަބުން ޣައްޒާގެ ހުރިހާ ހިސާބަކަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާއިރު، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ޣައްޒާގެ އުތުރުގައި މި މަހުގެ އެކަކާއި 15 އާ ދެމެދު ކުރިއަށް ގެންދިޔަ 94 އިންސާނީ ތެރެއިން ކާމިޔާބުވީ އެންމެ 37 އިންސައްތަ ކަމަށް ވެސް ޑޫޖަރިކް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެހީ ފޯރުކޮށްދޭ ޓްރަކްތަކަށް އިސްރާއިލު ފައުޖުތަކުން ބަޑި ޖަހައި ނުވަތަ އެހެން ގޮތަކުން ނަމަވެސް ފުރާނައަށް ނުރައްކާވާ ހާލަތައް ހުށަހެޅެއެވެ. އަދި ހަނގުރާމަ ކުރަމުންދާ ސަރަހައްދުތަކުގައި ޓްރަކްތައް އެތައް ގަޑިއިރެއް ވަންދެން ހުއްޓުވައިފައި ބާއްވައެވެ.
"މީހުން ބަދަލުވިޔަސް ނުވަތަ އެތަނުގައި މަޑުކުރިޔަސް ހިމާޔަތް ކުރަން ޖެހޭ،" ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީއެއް އޮންނަން ޖެހޭ. ނަމަވެސް ޣައްޒާގެ އެއްވެސް ތަނެއް ރައްކާތެރިއެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 41،200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގައި ޒަޚަމްކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 95،400 އަށް އުފުލިފައެވެ.