ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ޓްރީޓޮޕް ހޮސްޕިޓަލުން ހުޅުވައިލައިފި

ނަރުހުންތަކެއް: ނާސިން ސްކޮލާޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ޓްރީޓޮޕް ހޮސްޕިޓަލުން ހުޅުވާލައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނާސިން ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ޓްރީޓޮޕް ހޮސްޕިޓަލުން ހުޅުވައިލައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، އެ ސްކޮލާޝިޕްގެ ދަށުން ބީއެސްސީ (އޮންސް) ނާސިން އިންޓަނޭޝަނަލް ޓޮޕްއަޕްގެ ދާއިރާއާއި ޑިޕްލޮމާއިން ނާސިންގެ ދާއިރާއިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކަށް ހުޅުވައިލާފައިވާ ކަމަށެވެ.

އެގޮތުން، އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، އެޕްލިކޭޝަން ހުށަހެޅޭނީ ހަމައެކަނި ނާސިން ކިޔަވާ ދިވެހި ދަރިވަރުންނަށް ކަމަށް ޓްރީޓޮޕުން ބުނެއެވެ.

ނާސިން ސްކޮލާޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ޓްރީޓޮޕް ހޮސްޕިޓަލުން ހުޅުވާލައި، ކޮށްފައިވާ ޕޯސްޓު --- ފޮޓޯ/ ޓްރީޓޮޕް

އެ ހޮސްޕިޓަލުން އިތުރަށް ބުނީ، ހުށަހަޅަނީ ރަނގަޅު އެޑްމިޝަނެއް ކަމުގައި ވާން ޖެހޭނެ ކަމަށާއި ވިލާ ކޮލެޖުގެ އެޕްރޫވަލް ލިބި އެ ކޮލެޖުގެ ޕްރޮގްރާމުގައި ރަޖިސްޓްރީވެފައިވާ އެޕްލިކޭޝަނެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

އޭގެއިތުރުން، އަލަށް ކިޔަވަން ފަށާ ނުވަތަ ކިޔަވަމުން އަންނަ ދަރިވަރަކަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އެޕްލިކޭޝަން ހުށަހަޅާ ދަރިވަރަކީ އެހެން ތަަނަކުން ސްކޮލާޝިޕް ހޯދާފައިވާ ނުވާ ދަރިވަރަކަށް ވާންޖެހޭކަން ޓްރީޓޮޕުން ފާހަގަކޮށްފައިވެއެވެ.

މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭއިރު، ސްކޮލާޝިޕަށް އެޕްލިކޭޝަން ހުށަހެޅޭނީ [email protected] މެއިލް މެދުވެރިކޮށެވެ.

comment ކޮމެންޓް