މިއަހަރު ދިވެހިބަހުގެ އެކެޑަމީން ބާއްވާ ގައުމީ މުބާރާތްތަކުގެ ތެރެއިން ތިން މުބާރާތެއް 2423 ދަރިވަރުންނާއެކު އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފިއެވެ.
މި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ، އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތެވެ.
ތިން ދަންފަޅިއަށް ބަހައިލައިގެން ކުރިއަށްގެންދާ މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ، ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ވެސް އެއް ވަގުތެއްގައެވެ. މި މުބާރާތުގައި އެންމެ އަތޮޅަކުން ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވެއެވެ. އެގޮތުން އަތޮޅުތަކުގެ 82 ސުކޫލަކުން މި މުބާރާތުގައި ވާދަކުރެއެވެ. އަދި މާލޭ ސަރަހައްދުން 22 ސުކޫލަކުން ބައިވެރިވެފައިވެއެވެ.
މި މުބާރާތުގައި ޖުމުލަ 104 ސުކޫލަކުން ބައިވެރިވެފައިވެއެވެ.
މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓު އޮތޯރިޓީއާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާއެކުގައެވެ.
މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން 999 ބައިވެރިން ބައިވެރިވެފައިވެއެވެ. އަދި ވާހަކައިގައި 931 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 493 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މި މުބާރާތް ކުރިއަށްދާ ވަގުތު ނަމާދުކުރުމަށް ދަރިވަރުންނަށް ފުރުސަތު ދެވޭނެކަން އެކެޑަމީން ވަނީ ފާހަގަކޮށްފައެވެ. އަދި މުބާރާތުގައި ދަރިވަރު ލިޔަމުންދާ ވަގުތު ހުސް ވަގުތުކޮޅެއް ބޭނުންވެއްޖެ ނަމަ އެއްވެސް މީހަކާ މުއާމަލާތު ނުކުރެވޭ ގޮތަށް ދަރިވަރުންނަށް ލިޔަމުންދާ ހޯލުން ނުކުމެ އުޅުމުގެ ފުރުސަތު ދެވޭނެކަން ވެސް ފާހަގަކޮށްފައި ވެއެވެ.
މުބާރާތް ބާއްވާ ގަޑިތަކަށް ބަލާއިރު، މަޒުމޫނު ލިޔުމުގެ މުބާރާތް ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 08:00ގައެވެ. ވާހަކަ ލިޔުުމުގެ މުބާރާތް މެންދުރު 01:00ގައި ފަށާއިރު ޅެންހެދުމުގެ މުބާރާތް ފަށާނީ ހަމަ އެދުވަހު އިރު އޮއްސި 06:00ގައެވެ.