ސިދާތާއި އަދިތީ ކައިވެނިކޮށްފި

ބޮލީވުޑްގެ އިތުރުން އިންޑިއާގެ ސައުތު ސިނަމާގެ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާ އަދިތީއާއި ސިދާތު މިއަދު ކައިވެނިކޮށްފިއެވެ.

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ހައިދަރުއާބާދުގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ ބަތަލާއާއި އެކްޓަރު ސިދާތުގެ ކައިވެނިކޮށްފައިވަނީ ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކަކަށް ފަހުއެވެ. ކައިވެނިކުރުމުގެ ކުރިން މި އަހަރުގެ މާޗު މަހު އަދިތީ ވަނީ ސިދާތާ އެންގޭޖްވިކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައެވެ.

އިންޑިއާގެ ތެމަލް ނާޑޫގައި 18 ވަނަ ޤަރުނުގައި ބިނާކޮށްފައިވާ ފައްޅިއެއްގައި ކުރެވުނު މި ކައިވެނީގެ ހަފުލާގައި ބައިވެރިވެފައިވަނީ ދެ ތަރިންގެ ވަރަށް ގާތް އެކުވެރިންގެ އިތުރުން އާއިލާއެވެ.

ކައިވެނީގެ ހަފުލާގައި ދެ ތަރިން އެކީގައި ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ އިތުރުން ދެ ތަރިންގެ ވަރަށް ގިނަ ސަޕޯޓަރުން ވަނީ ކައިވެންޏާ ގުޅިގެން މަރުހަބާ ކިޔާފައެވެ.

ސިދާތު އާއި އަދިތީ ރޯއީ ހައިދަރީ ކައިވެނީގެ ހަފްލާގައި--ފޮޓޯ/ޕިންކްވިލާ

ފިލްމު އިންޑަސްޓްރީގެ އެހެން ކައިވެނި ހަފުލާތަކާ އަޅާބަލާއިރު ތަފާތު ގޮތަކަށް ބޭއްވުނު މި ކައިވެނީގެ ހަފުލާއަކީ ވަރަށް 'ސިމްޕަލް، ޔުނީކް' ކައިވެންޏެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

އަދިތީ ފަހަކަށް އައިސް ގިނައިން ފެނިފައިވަނީ އިންޑިއާގެ އެކި ދުވަސްވަރުގެ ތާރީޚީ ރަސްކަން ދައްކުވައިދޭ ފިލްމުތަކުންނެވެ. ގަނޑުވަރު ތެރޭގެ ދިރިއުޅުންތައް ދައްކުވައިދޭ ވެބް ސީރީޒްތަކުން ވެސް ބަތަލާ ފެނިފައިވާއިރު އެންމެ ފަހުން އަދިތީ ކުޅެފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީޒް "ހީރާމަންޑީ"އެވެ.

އަދިތީގެ ފިރިމީހާ ސިދާތަކީ ފިލްމު "ރަންގް ދެ ބަސަންތީ"އިން އާއްމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ތަރިއެކެވެ. ސިދާތު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރުގެ ޖުލައި މަހު ރިލީޒްކުރި ތަމަޅަ ފިލްމު "އިންޑިއަން 2"އިންނެވެ.

comment ކޮމެންޓް