ފަވާދާއި މާހިރާގެ ފިލްމު އަންނަ މަހު އިންޑިއާގެ ސިނަމާތަކަށް

ޕާކިސްތާނު ފިލްމު "ދަ ލެޖެންޑް އޮފް މޯލާ ޖަޓް'ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ފިލްމުތައް ކުޅެފައިވާ ޕާކިސްތާނުގެ ދެ އެކްޓަރެއްގެ ފިލްމެއް އިންޑިއާގެ ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.

އަންނަ މަހުގެ ދެ ވަނަ ދުވަހު އިންޑިއާގެ ސިނަމާތަކުގައި ދައްކަން ނިންމާފައިވާ ފިލްމަކީ ޕާކިސްތާނުގެ ތަރިން ކަމަށްވާ ފަވާދު ޚާން އާއި މާހިރާ ޚާން މުހިއްމު ރޯލް ކުޅެފައިވާ ޕާކިސްތާނު ފިލްމު "ދަ ލެޖެންޑް އޮފް މޯލާ ޖަޓް'އެވެ.

މި ފިލްމު އިންޑިއާގެ ސިނަމާތަކުގައި ދައްކަން ނިންމާފައި މި ވަނީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ފިލްމު ރިލީޒްކުރިތާ ދެ އަހަރު ފަހުންނެވެ.

މި ފިލްމަކީ ޕަންޖާބުންގެތެރޭ މަޝްހޫރު ފުލޯކް ވާހަކަ ކަމަށްވާ ލެޖެންޑަރީ ރެސްލިން މޯލާ ޖަޓްގެ ޝަހުސިއްޔަތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި މޯލަ ޖަޓްގެ ރޯލްއިން ފަވާދު ޚާން ފެންނާނެއިރު ބަތަލާ މާހިރާ ޚާން ކުޅެފައި ވަނީ މޯލަ ޖަޓްގެ ސިއްރު ލޯބިވެރިޔާގެ ރޯލެވެ.

މި ވާހަކައިގެ މައްޗަށް ބިނާކޮށް 1979 ވަނަ އަހަރު ވެސް ވަނީ ފިލްމެއް އުފައްދާފައެވެ.

ބަތަލާ މާހިރާ ޚާން ފަވާދު ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ

ފިލްމު "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އަކީ އޭގެ ރިމޭކެކެވެ.
މި ފިލްމަށް ޕާކިސްތާނުގެ އިތުރުން ވަރަށް ގިނަ ޤައުމުތަކުގެ ބެލުންތެރިންގެ ތަރުހީބު ލިބުނުއިރު ފިލްމަކީ ވިޔަފާރީގެ ގޮތުން ވަރަށް ބޮޑު އާމްދަނީއެއް ހޯދި ފިލްމެކެވެ.

ބޮކްސް އޮފީހުގައި ފިލްމަށް 200 ކްރޯޑު ރުޕީސް ފައިދާގެ ގޮތުގައި ލިބުމާ ގުޅިގެން މި ފިލްމު ވަނީ މި ފަހުން ޕާކިސްތާނުގައި އުފެއްދި ފިލްމުތަކުގެތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަށެވެ. މި ފިލްމު އުފެއްދުމަށް 47 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާއިރު ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީގެ އަދަދު 14 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

comment ކޮމެންޓް