ސްރީލަންކާގެ ބަތަލާ ޖެކްލީން އެކްޝަން ތަރި ވެން ޑެމްއާ އެކު

ބޮލީވުޑްގެ ބަތަލާ ޖެކްލީން ފެނާންޑެޒް މުހިއްމު ރޯލެއް ކުޅެފައިވާ ހޮލީވުޑްގެ ފިލްމު "ކިލް ދެމް އޯލް 2"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

މި މަހުގެ 24 ވަނަ ދުވަހު ޑިޖިޓަލީ ރިލީޒްކުރުމަށް ތައްޔާރަށް އޮތް ފިލްމުގައި ޖެކްލީން ފެންނާނީ ހޮލީވުޑްގެ މަޝްހޫރު އެކްޝަން ތަރި ވެން ޑެމްގެ ދަރިފުޅު 'ވެނޭސާ'ގެ ރޯލްއިންނެވެ.

އިޓަލީގައި ވަރަށް ބޮޑު ބައެއް ޝޫޓްކޮށްފައިވާ މި ފިލްމުގެ ދެވަނަ ބައެއް ރިލީޒްކުރަނީ ފިލްމުގެ ފުރަތަމަ ބައި ބެލުންތެރިންނަށް ގެނެސްދިންތާ ހަތް އަހަރު ފަހުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުތެރޭ ޖެކްލީން އާއި ވެންޑެމް އެކީގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު ބަތަލާ ހޮލީވުޑް ޕްރެޖްކްޓަކަށް ސޮއިކުރި ޚަބަރުތައް ފެތުރުނެވެ. ނަމަވެސް އެއީ ކޮން ފިލްމެއް ކަމާއި އޭގެ މާބޮޑު ތަފުސީލެއް އޭރު ކަށަވަރުވެފައެއް ނުވެއެވެ.

މީގެކުރިން ވެސް ޖެކްލީން ވަނީ ބައިނަލް އަޤްވާމީ ތަފާތު ޕްރޮޖެކްޓްތަކުގައި ބޭރުގެ ތަރިންނާ އެކު މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ބައެއް މިއުޒިކް ވީޑިއޯ ލަވަތަކާއި އެންޑޯޒްކޮށްފައިވާ ބޭރުގެ ބައެއް އުފެއްދުންތައް ހިމެނެއެވެ.

ފިލްމު "ކިލް ދެމް އޯލް 2"ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ޖެކްލީން އެންމެ ފަހުން ލީޑް ރޯލަކުން ބެލުންތެރިންނަށް ފެނިފައި ވަނީ 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސާކަސް"އިންނެވެ. މީގެއިތުރުން މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސެލްފީ"ގެ ހާއްސަ ލަވަޔަކުން ބަތަލާ ވަނީ ފެނިފައެވެ.

އަންނަ އަހަރު ބޮލީވުޑްގެ ދެ ފިލްމަކުން ޖެކްލީން ބެލުންތެރިންނަށް ފެންނާނެއެވެ. އެއީ އެކްޓަރު ސޯނޫ ސޫދު ޑައިރެކްޓްކުރާ ފިލްމު "ފަތޭހް" އަދި އަކްޝޭ ކުމާރު މުހިއްމު ރޯލަކުން ފެންނާނެ ކޮމެޑީ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"އެވެ.

comment ކޮމެންޓް