ޓީވީ ތަރިން ކަމަށްވާ ފަހްމާން ޚާން އާއި ކޯ-ސްޓާ އަދިތީ ކައިވެނި ކުރަނީ

ޓީވީ ތަރިން ކަމަށްވާ ފަހްމާން ޚާން އާއި އަދިތީ ޝެޓީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ސްޓާ ޕްލަސްގެ ސީރީސް "އިމްލީ"އިން ގިނަ ބައެއްގެ މެދުގައި މަގުބޫލުވި އެކްޓަރު ފަހްމާން ޚާން ކައިވެންޏަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ރިޕޯޓުތައް ބުނާގޮތުން ފަހްމާން ޚާން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކަލާސް ޓީވީއިން މިދިޔަ އަހަރު ނިންމާލި ޑްރާމާ ސިލްސިލާ "ޕިޔާރުކޭ ސާތު ވަޗަން ދަރަންޕަތުނީ"ގައި ފަހްމާންއާ އެކު ފެނުނު ބަތަލާ އަދިތީ ޝެޓީއާއެވެ.

ރިޕޯޓުތައް ބުނާގޮތުން ދެ މީހުންގެ ގުޅުން ވެސް ވަރަށް ސީރިއަސްވެފައި މިހާރު އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ދެ މީހުންގެ ކައިވެނީގެ ޚަބަރު ވަރަށް އަވަހަށް ރަސްމީ ކުރާނެ ކަމަށާއި ބެލެވޭ ގޮތުގައި މި ކައިވެނި ކުރަން ނިންމާފައި ވަނީ އަންނަ އަހަރު ކުރީ ކޮޅު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަހްމާން ޚާން ޓީވީ ސިލްސިލާ "އިމްލީ"ގެ ބަތަލާ ސުމްބުލްއާ އެކު--ފޮޓޯ/ކޮއިމޮއި

ފަހުމާން އާއި އަދިތީގެ ލޯބީގެ ގުޅުން ފެށުނީ "ދަރަމްޕަތްނީ" ޑްރާމާ ސިލްސިލާގެ ތެރެއިން ކަމަށާއި މި ވަގުތު ދެ ތަރިންގެ ވެސް ސަމާލުކަން ހުއްޓިފައި ވަނީ ސޮއިކޮށްފައި ހުރި ޕްރޮޖެކްޓްތައް ނިންމުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަ ރަސްމީކުރަން ބޭނުން ނުވިޔަސް މި ދެ ތަރިންނާ އެކު ސެޓުގައި މަސައްކަތްކުރާ ގިނަ ބަޔަކަށް އެކަން އެނގޭ ކަމަށްވެސް ފިލްމީ ޚަބަރުތައް ބުނެއެވެ.

ފަހްމާންގެ ކައިވެނީގެ ޚަބަރުތަކުގެ ވާހަކަ ދެކެވޭއިރު ބަތަލާ ޝްވޭތާ ތިވާރީއާ ފަހްމާނާ ދެމެދު ލޯބީގެ ގުޅުމެއް އޮތްކަމުގެ އަޑުތަކެއް ވެސް މީގެކުރިން ވަނީ އަރާފައެވެ. ނަމަވެސް ޕިންކްވިލާއިން މިކަމާ ގުޅިގެން ސުވާލު ކުރުމުން ފަހްމާން ބުނެފައި ވަނީ އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށާއި އެއީ ބަޔަކު މީހުން ފެތުރި ހަގީގަތެއް ނެތް ޚަބަރުތަކެއް ކަމަށެވެ.

comment ކޮމެންޓް