އައިއޯއެސް 18އަށް ތައްޔާރުތަ؟ މިއަދު ނެރޭނެ

އައިއޯއެސް 18 މިރޭ ޢާއްމުކޮށް ނެރެނީ ---

އެޕަލްގެ އައިފޯން 16 ސީރީޒް އަދި އެޕަލް ވޮޗް ސީރީޒް 10 ތަޢާރަފުކުރުމަށް ފަހު، އެންމެ ފަހުގެ އައިފޯން އޮޕަރޭޓިން ސިސްޓަމް ކަމުގައިވާ އައިއޯއެސް 18 ނެރޭނެކަން ވަނީ އެޕަލްއިން އިއުލާންކޮށްފައެވެ.

އައިއޯއެސް 18 ނެރެނީ މިއަދެވެ. އެކަމަކު، އަޕްޑޭޓް ދޫކުރާނެ ވަކި ގަޑިއެއް އެޕަލްއަކުން ނުބުނެއެވެ.

އާންމު ގޮތެއްގައި އެޕަލްއިން މި ފަދަ އަޕްޑޭޓްތައް ނެރެނީ އެމެރިކާގެ އިރުމަތީ ސަރަހައްދުގެ ގަޑިން މެންދުރު ފަހު 1:00 ގައެވެ. އެއީ، ރާއްޖޭ ގަޑިން ނަމަ މިރޭ 10:00 އެވެ.

އައިއޯއެސްގެ ފަހުގެ އަޕްޑޭޓްތަކަށް އަބަދު ވެސް ގިނަ ބަޔަކު އިންތިޒާރުކުރެއެވެ. އެއީ، އެ މީހުންގެ ކޮންމެ އަޕްޑޭޓެއްގައި ވެސް ހައިރާންކޮށްލާ ފަދަ ތަފާތު ބަދަލުތައް ފެންނާނެ މުހިންމު ފީޗާތަކެއް އިތުރުކުރާތީއެވެ.

އައިއޯއެސް 18 ގައި ހިމެނޭ އާ ފީޗާތަކުގެ ތެރޭގައި ހޯމް ސްކްރީން ކަސްޓަމައިޒްކުރުމުގެ އިތުރު ގޮތްތަކާއި، އާރްސީއެސް މެސެޖިން ހިމެނެއެވެ.

މި އަޕްޑޭޓް ނެރުމާ އެކު، ގިނަ ބަޔަކު އެއްފަހަރާ ޑައުންލޯޑްކުރަން އުޅުމުގެ ސަބަބުން ޑައުންލޯޑް ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.

އެޕަލްއިން ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އައިއޯއެސް 18 ތަޢާރަފުކުރި ފަހުން، ޑިވެލޮޕަރުންނާއި ބީޓާ ޓެސްޓަރުންނަށް މި ސޮފްޓްވެއާގެ ބީޓާ ވާޝަން ބޭނުންކުރުމުގެ ފުރުސަތު ލިބިފައިވެއެވެ.

comment ކޮމެންޓް