10 މިނެޓު ތެރޭ ކޮމިޓީން ކުންފުނީގެ ބިލު ފާސްކޮށްފި

މިއަދު ބޭއްވި އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: އެ ކޮމިޓީން ނިންމީ ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ބަދަލެއް ނުގެނެސް ފާސްކުރުމަށް -- ފޮޓޯ/ މަޖިލިސް

ކުންފުނިތަކުގެ ޖަލްސާތައް ބާއްވަންޖެހޭ މުއްދަތު ކުރުކޮށް، ކުންފުނިތަކަށް އައްޔަނުކުރާ ޑިރެކްޓަރުންގެ އަދަދު އިތުރުކުރެވޭ ގޮތަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ދިރާސާކުރަން ފޮނުވުމުން، އިތުރު ބަދަލަކާ ނުލައި އެގޮތަށް ފާސްކުރަން 10 މިނެޓު ތެރޭ އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށެހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ.

އެ ބިލުގެ މަސައްކަތް އަވަސްކުރުމަށްޓަކައި މިއަދު ވަނީ ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. ޖަލްސާގައި މިއަދު ވަނީ 77 މެންބަރުންގެ އިއްތިފާގުން އެ ބިލު ބަލައިގެންފައެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

އެއާ އެކު ބިލު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ޖަލްސާ ނުނިމެނީސް ކޮމިޓީގައި އެ ބިލުގެ މަސައްކަތް އެޖެންޑާކުރީ މިއަދުގެ 11:30 އަށެވެ. އެ ބިލަށް މަޖިލިސް ތަޅުމުގައި ބަހުސްކޮށްފައިވަނީ ވެސް މިއަދު އެކަންޏެވެ. މިއަދު ތަޅުމުން ބިލު ފާސްކުރުމަށް ފަހު ރިޔާސަތުން އެ ބިލު އިގުތިސާދީ ކޮމިޓީއަށް ފޮނުވިކަން އިއުލާނުކޮށް ޖަލްސާ ނިންމާލުމާ އެކު ކޮމިޓީއަށް މެންބަރުން ހާޒިރުވެ، ވަގުތުން، އަށް މެންބަރުންގެ މެޖޯރިޓީން އެ ބިލަށް ރުހުން ދިނުމަށް ވަނީ ފާސްކޮށްފައެވެ.

ކޮމިޓީން އެ ބިލު ފާސްކުރީ 10 ވަރަކަށް މިނެޓުއިރު ތެރޭގައެވެ. އެ ބިލު ބިލަށް ރުހުން ދިނުމަށް ކޮމިޓީގައި ދެކޮޅު ހަދާފައި ވަނީ އެންމެ މެންބަރެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ މެންބަރުން ބިލު ބަލައިގަތުމަށް މަޖިލިސް ތަޅުމުގައި ވޯޓު ދެއްވި ނަމަވެސް ބަހުސްގެ ވަގުތުގައި މި ބިލާ ދެކޮޅަށް ވާހަކަދައްކަވާފައިވެއެވެ.

ސަރުކާރު މެންބަރުން ވަނީ އެ އިސްލާހުތައް ގެނައުމުން ރައްޔިތުންނަށް އެކަމުގެ ފައިދާތައް ވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި ބީއެމްއެލްއަށް މިހާރު ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމަށް އީޖީއެމްއަކަށް ގޮވާލާފައިވަނިކޮށް، އެ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާދެއްވާފައިވާތީ ކޮންމެހެން ވެސް އެ އިސްލާހުތައް ގެނައުން މުހިންމެވެ.

ކުންފުނީގެ ބިލުގައި ހިމެނޭ ކަންކަން

އިސްލާހުގައި ވާގޮތުން ނަމަ، ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރުމަކަށް ހުރަހެއް ނާޅައެވެ. އޭރުން އެ ކުންފުންޏަކުން ބޭނުންވާ އަދަދަކަށް ޑިރެކްޓަރުން އައްޔަނުކުރެވޭނެއެވެ.

ހަމައެއާއެކު އިސްލާހުގައި ބުނާގޮތުންނަމަ، ޚާއްސަ އާންމު ޖަލްސާ (އީޖީއެމް)އެއް ބާއްވަން އެދިއްޖެ ހާލަތެއްގައި، ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހެއެވެ. އަދި، ހަތް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.

ހަމައެއާ އެކު ހިއްސާދާރުންގެ ޚާއްސަ އާންމު ޖަލްސާއަކަށް ނޯޓިސް ފޮނުވަން ޖެހޭ މުއްދަތު 21 ދުވަހުން ތިން ދުވަހަށް ކުރުކުރަން ވަނީ ހިމަނާފައެވެ. އަދި، ޚާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހޭ މުއްދަތު 14 ދުވަހުން ހަތް ދުވަހަށް ކުރުކުރުމަށް ވަނީ ހިމަނާފައެވެ.

އިސްލާހުގައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރުކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން މަދުކަމަށް ފާހަގަވެ، އެ އަދަދަށް ޑިރެކްޓަރުން އައްޔަން ކުރުމަށްޓަކައި 10 ދުވަހުގެ ތެރޭގައި އެ އަދަދަށް ބޯޑަށް މެންބަރުން އައްޔަންކުރަން ޖެހޭ ގޮތަށް ހިމަނާފައިވެއެވެ. މިހާރު އޮންނަ ގޮތުން ނަމަ ބޯޑު 30 ދުވަހުގެ މުއްދަތެއް ލިބެއެވެ.

comment ކޮމެންޓް