ރާއްޖޭގެ އެންމެ ބޮޑު އެއް ހޮސްޕިޓަލްކަމަށްވާ ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅު ބަދަލު ކުރުމުގެ 1000 އަށްވުރެ ގިނަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމައި، އެ ކާމިޔާބީ ފާހަގަކޮށްފިއެވެ.
މި ކާމިޔަބީ ފާހަގަކުރުމަށް، ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވާ އެ ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުންނަށް ޓަކައި މިމަހުގެ 12ވަނަ ދުވަހު ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތުގައި ރައްޖޭގެ އެންމެ ގިނަދުވަސްވީ ކަށީގެ ޑޮކްޓަރު ޑރ. މުހައްމަދު ހަބީބާއި، ކަށީގެ ޑޮކްޓަރު ޑރ. އަލީ މުޒްނީއާއި، ޑރ. މަރިޔަމް ޔޫމީ، ޑރ. ހުސައިން ފައިސަލް އަދި ޑރ. އަހްމަދު އާޒިމް އަބްދުލް ޝަކޫރު ބައިވެރިވެޑައިގަތެވެ. އަދި ހޭނައްތާ ޑޮކްޓަރުންގެ ތެރެއިން، ޑރ. އައިމިނަތު ފިއުނާއާއި، ޑރ. ބިޝްނު ރާވި ކެސަވަން އަދި ޑރ. ޒުލައިޚާ މައީ ބައިވެރިވެވަޑައިގަތެވެ.
ހުޅު ބަދަލުކުރުމުގެ އޮފަރޭޝަނާ ގުޅިގެން އެ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް އޯތޮޕެޑިކްސް ޓްރައުމަ ސާޖަރީ، މުޒްނީ ވިދާޅުވީ، މި އޮޕްރޭޝަނަކީ ކަކުލުގައި ހުންނަ އޮމާންކަން ކެނޑި، ކުރާ އިތުރު ފަރުވާއަކުން ފައިދާ ނުކުރާ މިންވަރަށް ބަލި ބޮޑުވުމުން ކުރާ އޮޕަރޭޝަނެއް ކަމަށެވެ.
"ތަދުވަނީ ކަށިގަނޑުގެ ކޮޅު ހަލާކުވެފައި ހުރެމެ، ކަށިގަނޑާއި ކަށިގަނޑާ ޖެހޭތީ އަދި ކޭއްތޭތީ،" އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަން ކުރުމަށް ޓަކައި، ކަށިގަނޑުގެ ކޮޅުގައި އޮމާންކަން ކެނޑިފައި ހުންނަ ހިސާބު ސާފު ކުރުމަށްފަހު، ދެ ކަށިގަނޑުގެ ކޮޅުގައި އެތިކޮޅެއް ތަތްކުރެއެވެ. އެއަށްފަހު ދެ ކަށިގަނޑުގެ ދޭތެރެއަށް ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ އެތިކޮޅެއް ލައްވައެވެ.
މިހެން މި އޮޕަރޭޝަން ކުރުމުގެ ސަބަބުން ހަލާކުވެފައިވާ ދެ ކަށިގަނޑު ޖެހުން ނިމުމަކަށް އާދެއެވެ.
"ކަށިގަނޑު ނުޖެހޭ ހިސާބުން ތަދު ކެނޑޭނެ. މި ކޭއްތޭތަން ބަދަލުކުރުމަށް ކިޔާ ނަމެއް ހުޅު ބަދަލުކުރުމަކީ" އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަން ކުރުމަށް ޓަކައި ދުނިޔޭގެ ބައެއް ގައުމުތަކުގައި އެމީހުން އަމިއްލައަށް އުފައްދާ ހުޅު ބޭނުން ކުރެއެވެ. ނަމަވެސް، ރާއްޖޭގައި މިވަގުތު މި އޮޕަރޭޝަން ކުރުމަށް ބޭނުންކުރަނީ އެމެރިކާގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ ޖޮންސެން ޖޮންސެން ބްރޭންޑުގެ ހުޅެވެ. މި ބްރޭންޑަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިތުބާރު ހޯދައިފައިވާ ބްރޭންޑެެކެވެ.
އޮޕަރޭޝަނަށް ފަހު އެންމެ ބޮޑު އެއް ކަމަކީ އޮޕަރޭޝަނުން ފަސޭހަވުމަށް ހޭދަވާ މުއްދަތާއި ކުރާ މަސައްކަތެވެ. ނުވަތަ "ރިކަވަރީ"އެވެ.
ޑރ. މުޒްނީ ވިދާޅުވީ، ޓްރީ ޓޮޕް ހޮސްޕިޓަލުގައި މި އޮޕަރޭޝަން ހެނދުނު ކުރާކަމުގައި ވާނަމަ، އޮޕަރޭޝަނަށް ފަހު ބަލި މީހާ ހައި ޑިޕެންޑެންސީ ޔުނިޓުގައި ބާއްވާކަމަށެވެ. އަދި ހަވީރު އެ މީހާ އިށީނދެ ބޭންދުމަށް މަސައްކަތް ކުރާކަމަށެވެ.
"އަނެއް ދުވަހު ހެނދުނު އަޅުގަނޑުމެން ޕޭޝަންޓު ބަދަލުކުރާނަން ރޫމަށް. އެއަށްފަހު އެ ދުވަހު މެންދުރެއްހާއިރު ނޫނީ ހަވީރު އަޅުގަނޑުމެން ޕޭޝަންޓު ހިންގާނަން. ފުރަތަމަ ހިންގުވާނީ ރައްކާތެރިކަމަށް ޓަކައި ކޮށިގަނޑެއް ޖަހައިފައި،"
އެއަށްފަހު ޑޮކްޓަރުން މަސައްކަތް ކުރަނީ ތިން ވަރަކަށް ދުވަހުގެ ތެރޭގައި އޭނާ ކޮށިގަނޑު ދޫކޮށްލައި، ހިންގުވުމަށެވެ.
"މިހާރު އަޅުގަނޑުމެން އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުގައި ބަލިމީހާ ބާއްވަނީ ހަތަރު ދުވަހު. ހަތަރުވަނައަށް ވާދުވަހު ހުރިހާ ކަމެއް ރަނގަޅުކަމަށް ވަނަމަ، ބޭސް އަޅާފައި ގެއަށް ފޮނުވާލަނީ،"
ބޭސް ބަދަލުކުރަން ބަލިމީހާ ދެން ހޮސްޕިޓަލަށް އަންނަން ޖެހޭނީ ހަތަރު ދުވަސް ފަހުންނެވެ. އެ ދުވައްތަކުގައި ބަލިމީހާ ގެންދާނީ ގަވައިދުން ފިޒިއޯ ތެރަޕީ ހަދަމުންނެވެ.
އޮޕަރޭޝަނަށްފަހު ނަރު ކޮށާނީ 12ވަނަ ދުވަހު ކަމަށް ޑރ. މުޒްނީ ވިދާޅުވިއެވެ. އެހެންކަމުން މަސް ދުވަހުގެ ތެރޭ، މި އޮޕަރޭޝަން އެއްކޮށް ރަނގަޅުވެ ބަލި މީހާއަށް އަމިއްލައަށް އުޅެވޭވަރު ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ގައުމުތަކުގައި ވެސް އޮންނަ ގޮތްކަމަށް ޑރ. މުޒްނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި އޮޕަރޭޝަން ކަމިޔާބުކަމާއެކު ބަލި މީހާއަށް ތަދު މަޑުކޮށް ކުރިއަށް ގެންދެވެނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރުންގެ ޓީމުގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމަންޓްގެ ހެޑް ޑރ. ހަބީބް ވިދާޅުވީ، ހޭނައްތާ ޑޮކްޓަރުންގެ ކުޅަދާނަކަމާ ނުލައި އެއްވެސް އޮޕަރޭޝަނެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
އެހެންކަމުން ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންގައި ވެސް ހޭނައްތާ ޑޮކްޓަރުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭކަމަށާއި، އެކަމުގެ ސަބަބުން ބަލި މީހާއަށް އޮޕަރޭޝަން ކުރާ ފުރަތަމަ ދެދުވަހު ތަދުމާބޮޑަށް އިހުސާސް ނުކުރެވި ހިތްހަމަޖެހުން ލިބޭކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރިކަވަރީ ވެސް މިހާ އަވަހަށް ކުރިއަށް މި ގެންދެވެނީ ހޭނައްތާ ޑޮކްޓަރުންގެ ފަރާތުން ލިބޭ އެހީގެ ސަބަބުން،" ޑރ. ހަބީބް ވިދާޅުވިއެވެ.
ހޭނެއްތުމުގެ ޚާއްސަ ޑޮކްޓަރު، ޑރ. ފިއުނާ ވިދާޅުވީ، އެބޭފުޅުންގެ އެންމެ ބޮޑު މަގުސަދަކީ ރައްކާތެރިކޮށް ސާޖަރީ ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމާއި ސާޖަރީއަށް ފަހު ބަލިމީހާއަށް ތަދު ކުޑަވާނެ ގޮތަކަށް މަގު ފަހިކޮށްދިނުން ކަމަށެވެ.
އެގޮތުން ބަލިމީހާ ފުރަތަމަ ހިނގަން ފަށާއިރު ވެސް، ތަދު ކެނޑުވުމަށް ޚާއްސަ ބޭސްތަކެއް ދެމުން ދާކަން ޑރ. ފިއުނާ ފާހަގަކުރެއްވިއެވެ.
ކަކުލު ހުޅުގެ އިތުރުން އުކުޅު ހުޅުބަދަލުކުރުމާއި ކައްޓާ ގުޅޭ ގިނަ އޮޕަރޭޝަންތައް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކުރިއަށް ގެންދެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ފުރަތަމަ ކުރަން ފެށީ 2019ވަނަ އަހަރެވެ. އޭރު މި ހޮސްޕިޓަލުގައި ބޭރު ޑޮކްޓަރުން މި އޮޕަރޭޝަން ކުރިކަމުގައި ވީނަމަވެސް، ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ބާރު ސްޕީޑުގައި ކުރިއަށްދާން ފެށީ މިކަމަށް ފުރިހަމަ ތަޖުރިބާ ލިބިފައިވާ ދިވެހި ޑޮކްޓަރުންގެ ޓީމެއް މި މަސައްކަތާ ހަވާލުވީ ހިސާބުންނެވެ.