ޓްރީ ޓޮޕް ހޮސްޕިޓަލުން މާލޭގައި ހިންގާ ޓީޓީއެޗް ކްލިނިކްގައި ފެމިލީ މެޑިސިން އަދި ފިޒިއޯތެރަޕީގެ އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފިއެވެ.
ޓީޓީއެޗް ކްލިނިކުން މިހާރު ފެމިލީ މެޑިސިން ކޮންސަލްޓޭޝަންތަކާއި ފިޒިއޮތެރަޕީގެ އިތުރު ޚިދުމަތްތައް އާންމުންނަށް ލިބިގެންދާނެއެވެ.
އަދި ބޭސްގަނޑު (ޑްރެސިންގް) ބަދަލުކުރުންފަދަ ކުދި ފަރުވާތަކަށް ޚާއްސަ ޓްރީޓްމަންޓް ރޫމެއްވެސް މިހާރު އެ ކްލިނިކްގައި ވަނީ ގާއިމު ކޮށްފައެވެ. ކުރިއަށް އޮތް ތަނުގައި އޮކިއުޕޭޝަނަލް ތެރަޕީގެ ޚިދުމަތްވެސް ތަޢާރަފުކުރުމަށް ހަމަޖެހިފައި ވާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އެ ހޮސްޕިޓަލުން ބުނީ މިޚިދުމަތްތައް މާލެއިން ފޯރުކޮށްދޭން ފެށުމުން، ފަރުވާ ހޯދުމަށް ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ދަތުރުކުރަން ނުޖެހި، ވަގުތާއި ދަތުރުފަތުރުގެ ޚަރަދު ސަލާމަތްވެގެން ދާނެކަމަށެވެ.
"މާލޭގައި މި ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ސަބަބުން ބަލިމީހާއަށް ފަސޭހައިން ފުރިހަމަ ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ. އަޅުގަނޑުމެންގެ މަޤްސަދަކީ ބަލިމީހުންގެ ބަދަލުވަމުންދާ ސިއްހީ ބޭނުންތަކަށް އިޖާބަދިނުމާއި، ޚިދުމަތް ލިބިގަތުމަށް ފަސޭހަ ގޮތްތައް ހޯދައިދިނުން." ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދާ ޖީ ވިދާޅުވިއެވެ.
މިއަދުން ފެށިގެން ޓީޓީއެޗް ކްލިނިކުން ލިބޭ ޚިދުމަތްތައް:
- ފެމިލީ މެޑިސިން ކޮންސަލްޓޭޝަން
- ކުދި ޓްރީޓްމަންޓްތަކަށް ޙާއްސަ ޓްރީޓްމަންޓް ރޫމް
- "ޕޯސްޓް-އޮޕް ރީހެބް" ނުވަތަ އޮޕަރޭޝަން ކުރުމަށްފަހު ރީހެބިލިޓޭޝަން / ފިޒިއޯތެރަޕީ
- ޕެއިން / ތަދު މެނޭޖްކުރުމުގެ ފަރުވާ
- ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްފައިވާ ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ
- ސްޓްރޯކް ރީހެބިލިޓޭޝަން / ފިޒިއޮތެރަޕީ
- ކުޑަކުދިންގެ ރީހެބިލިޓޭޝަން / ފިޒިއޮތެރަޕީ
- ސްޕޯޓްސް ތެރަޕީ
ޓީޓީއެޗް ކްލިނިކްގެ ފެމިލީ މެޑިސިން ޚިދުމަތް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 09:30 އިން އިރުއޮއްސި 6:00 އަށް ލިބޭނެއެވެ. ލެބޯޓްރީ ސާމްޕަލް ނެގުމާއި ސާމްޕަލް ކަލެކްޝަންސް ޚިދުމަތް ކުރިއެކޭ އެއްގޮތަށް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ.