އަމިއްލަ ރޮކެޓެއްގައި އީރާނުން އަޕާ އެޓްމޮސްފިޔާއަށް ސެޓަލައިޓެއް ފޮނުވާލައިފި

އީރާނުގެ ރޮކެޓުން ސެޓަލައިޓް ޖައްވަށް އުދުއްސާލަނީ

ތެހެރާން (15 ސެޕްޓެމްބަރު 2024) : އީރާނުން ފަޒާގެ މަތީ ފަށަލައަށް ނުވަތަ އަޕާ އެޓްމޮސްފިޔާ އަށް ސެޓަލައިޓެއް ފޮނުވާލައިފިއެވެ.

"ޖަމްރާން-1" ގެ ނަމުން ނަންދީފައިވާ މިސެޓަލައިޓް ފޮނުވާލާފައިވަނީ އީރާން އަމިއްލައަށް އުފައްދާފައިވާ ސްޕޭސް ރޮކެޓެއްކަމަށްވާ "ގާއިމް-110" ބޭނުން ކޮށްގެންނެވެ. މިއީ ސޮލިޑް ފިއުލް ބޭނުންކުރާ ގޮތަށް ފަރުމާކޮށްފައިވާ ބިޔަ ރޮކެޓެކެވެ.

އީރާނުގެ ފަޒާއާބެހޭ އިދާރާ ބުނާގޮތުން "ޖަމްރާން-1" ސެޓަލައިޓް މިހާރުވަނީ އަޕާ އެޓްމޮސްފިޔާ ގެ އޯބިޓެއްގައި ދުނިޔެ ވަށައިގެން ދަތުރުކުރަން ފަށާފައެވެ. އީރާނުގެ ސްޕޭސް އެޖެންސީ ބުނާގޮތުން "ޖަމްރާން-1" ސެޓަލައިޓް އުފެއްދީ ފަޒާގެ ދާއިރާ ތަރައްގީ ކުރަން މަސައްކަތްކުރާ އީރާނުގެ ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ "އީރާނިއަން ސްޕޭސް އިލެކްޓްރިކަލް އިންޑަސްޓްރީސް ގްރޫޕް" (ސައިރާން) އިންނެވެ.

މިއީ ފަޒާގެ ދާއިރާގެ ޓެކްނޮލޮޖީ ތަރައްގީ ކުރަން މަސައްކަތްކުރާ އީރާނުގެ ޕްރައިވެޓް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބޮޑު ކުންފުންޏެކެވެ. "ސައިރާން" އިން މި ސެޓަލައިޓް އުފައްދާފައިވަނީ އީރާން ސަރުކާރުގެ އޯޑަރަށް އީރާން ސަރުކާރުން ދީފައިވާ ސްޕެސިފިކޭޝަންސް ތަކާ އެއްގޮތަށެވެ. އީރާނުގެ ޕްރައިވެޓް ކުންފުނިން އުފެއްދި މިސެޓަލައިޓް އީރާން ސަރުކާރުން ގަތީއެވެ.

އީރާނުގެ ސެޓަލައިޓެއް ޖައްވުގެ އޯބިޓެއްގައި ދަތުރުކުރަނީ

އީރާނުގެ ސަރުކާރުންވަނީ ހަތިޔާރުގެ ދާއިރާއާއި ފަޒާގެ ދާއިރާގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އެގައުމުގެ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކަށް ބޮޑު ފުރުސަތުތަކެއް ދީފައެވެ.

އީރާނުގެ ޖައްވީ އިދާރާ ބުނާގޮތުން އަޕާ އެޓްމޮސްފިއާއަށް ފޮނުވި "ޖަމްރާން-1" ސެޓަލައިޓް ގެ ޕްރައިމަރީ މިޝަންގެ ބޭނުމަކީ އޯބިޓަލް މެނޫވަރިން ޓެކްނޮލޮޖީ ގެ ހާޑްވެއާއާއި ސޮފްޓްވެއާ ސިސްޓަމްތަކުގެ އެލްޓިޓިއުޑް ސާބިތު ކުރުމެވެ. މީގެއިތުރުން ފަޒާގެ އެކިއެކި ރީސާޗްތަކަށް ބޭނުންވާ މައުލޫމާތު ހޯދުމެވެ.

އީރާނުން އުފައްދާފައިވާ ފަޒާގެ ރޮކެޓެއް އެގައުމުގެ އާންމުންނަށް ދައްކާލަނީ

އީރާނުން މިއަހަރުގެ ކުރީކޮޅުވެސްވަނީ ޖައްވަށް ސެޓްލައިޓެއް ފޮނުވާފައެވެ. މިއީ އީރާނުން ޖައްވަށް ފޮނުވި ހަތްވަނަ ސެޓަލައިޓެވެ. އީރާނުންވަނީ ތިން ސެޓަލައިޓް އެއްރޮކެޓެއްގައި ޖައްވަށް ފޮނުވުމުގައި ވެސް ކާމިޔާބު ހޯދާފައެވެ.

އީރާނަކީ އިސްލާމީ ގައުމުތަކުގެ ތެރެއިން އަމިއްލަ ރޮކެޓްގައި ޖައްވަށް ސެޓަލައިޓް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި ގައުމެވެ. އިސްލާމީ ގައުމެއްކަމަށްވާ ތުރުކީއަކީ އަމިއްލަ ޓެކްނޮލޮޖީގައި ސެޓަލައިޓް އުފައްދާ ގައުމެކެވެ. ނަމަވެސް ތުރުކީގެ ސެޓަލައިޓްތައް ފޮނުވައިދެނީ އެމެރިކާ ރަޝިއާ އަދި ޔޫރަޕުންނެވެ. ތުރުކީ އަމިއްލައަށް އަދި ފަޒާގެ ރޮކެޓެއް ތަރައްގީ ކުރެވިފައެއް ނުވެއެވެ.

އީރާނުން ފަޒާގެ ޓެކްނޮލޮޖީ ތަރައްގީކޮށްފައި މިވަނީ އެމެރިކާއާއި ޔޫރަޕުން އެގައުމާ ދެކޮޅަށް އަޅާފައިވާ 70 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ވޭން ތަހައްމަލު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް