ކަރީނާގެ ފިލްމުތަކަށް ޚާއްސަ ފެސްޓިވަލެއް ބާއްވަނީ

ބޮލީވުޑްގެ އެންމެ އަގު ބޮޑު އަދި ޑިމާންޑު ބޮޑު ބަތަލާއިންގެ ތެރޭ ހިމެނޭ ފިލްމީތަރި ކަރީނާ ކަޕޫރުގެ ފިލްމުތަކަށް ޚާއްސަ ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

ކަރީނާއަށް ޚާއްސަ ފިލްމު ފެސްޓިވަލެއް ބާއްވަން ނިންމާފައިވަނީ ބަތަލާ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 25 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ. އިންޑިއާގެ ފިލްމު ހެރިޓޭޖް ފައުންޑޭޝަންއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ފިލްމު ފެސްޓިވަލުގައި ކަރީނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތައް އިންޑިއާގެ ބައެއް ސިނަމާތަކުގައި ދައްކާނެއެވެ.

މި ފެސްޓިވަލާ އެކު ކަރީނާ ވެގެންދާނީ އިންޑިއާގެ ބަތަލާއަކަށް ޚާއްސަކޮށްގެން މިފަދަ ފިލްމު ފެސްޓިވަލެއް ބޭއްވުމުގެ ޝަރަފު ލިބޭ ފުރަތަމަ އަންހެން ފިލްމީ ތަރިއަށެވެ. މިހާތަނަށް މިފަދަ ފިލްމު ފެސްޓިވަލެއް އިންތިޒާމުކޮށް ބާއްވާފައިވަނީ އިންޑިއާގެ ލެޖެންޑު އެކްޓަރު ދިލިޕް ކުމާރު އަދި މަޝްހޫރު ފިލްމީ ތަރި އަމީތާބު ބައްޗަންގެ ފިލްމީ ކެރިއަރަށް ޚާއްސަކޮށްގެންނެވެ.

ކަރީނާގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޖަބް ވީ މެޓް"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި ފިލްމު ފެސްޓިވަލާ އެކު ކަރީނާގެ ސަޕޯޓަރުންނަށް ބަތަލާގެ ކެރިއަރުގެ އެންމެ މަގުބޫލު އަދި އައިކޮނިކް ފިލްމުތައް ބަލައިލުމުގެ ތަޖުރިބާ ބޮޑު ސްކްރީނުން ލިބި ފިލްމުގެ ހަނދާންތައް އާ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ފިލްމު "ރެފިއުޖީ"އިން 2000 ވަނަ އަހަރު ފިލްމީ ކެރިއަރު ފެށި ބަތަލާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭ "އޯމްކާރާ"، "ކަބީ ޚުޝީ ކަބީ ޣަމް"، "ޖަބް ވީ މެޓް"، "މޭ ޕްރޭމްކީ ދިވާނީ ހޫ"، "ބޮޑީ ގާޑް"، "3 އިޑިއަޓްސް" އަދި "ވީރޭ ދި ވެޑިންގް" ހިމެނެއެވެ.

ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ ފިލްމީ އާއިލާ ކަޕޫރު ޚާންދާނަށް ނިސްބަތްވާ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ދަ ބަކިންގްހަމް މާޑާސް"އެވެ.

comment ކޮމެންޓް