ގާމަގު ކެފޭގައި ރޯވުން: 4 އާއިލާއެއްގެ 10 މީހުން އަދިވެސް ވަގުތީ ހިޔާގައި

އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭ: އެ ހާދިސާގައި ހާލުގަ ޖެހުނު 10 މީހަކު އަދިވެސް ތިބީ ވަގުތީ ބޯހިޔާވަހިކަމުގައި --- ސަން ފޮޓޯ/ މޫސާ ނަދީމް

މާލޭ ސޯސަން މަގުގައި ހިންގަމުން އައި ގާމަގު ކެފޭގައި މިދިޔަ ހޯމަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ ހާލުގައި ޖެހުނު މީހުންގެ ތެރެއިން 10 މީހަކު އަދިވެސް ތިބީ ވަގުތީ ބޯހިޔާވަހިކަމުގައި ކަަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

އެންޑީއެމްއޭއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުން، އެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހުނެވެ. އޭގެ ތެރޭގައި 37 ދިވެހީން ހިމެނޭއިރު، 20 ބިދޭސީއަކު ހާލުގައި ޖެހުނެވެ.

މިހާރު ވަގުތީ ބޯހިޔާވަހިކަމުގައި ތިބި ފަރާތްތަކާ ގުޅުވައި 'ސަން'އިން ސުވާލުކުރުމުން އެންޑީއެމްއޭގެ އޮފިޝަލަކު ވިދާޅުވީ، ހަތަރު އާއިލާއެއްގެ 10 މީހުން މި ވަގުތު، ވަގުތީ ހިޔާގައި އެބަތިބި ކަމަށެވެ.

ގާމަގު އިމާރާތް ތަޅާލުމުގެ ތެރެއިން: ގާމަގު ކެފޭގައި ރޯވުން: ހާލުގައި ޖެހުނު 10 މީހަކު އަދިވެސް ވަގުތީ ހިޔާގައި --- ފޮޓޯ/ ލޯކަލް ގަވަނަންސް މިނިސްޓްރީ

އޭގެ އިތުރުން، ހާލުގައި ޖެހުނު ބިދޭސީންނަށް އެންޑީއެމްއޭގެ އުސޫލުގެ ތެރެެއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، އެ މުއްދަތަށް ފަހު ބިދޭސީން ދާނީ އެ ފަރާތްތަކުގެ ސްޕޮންސަރުން ކައިރިއަށް ކަން އޮފިޝަލް ފާހަގަކުރައްވާފައިވެއެވެ.

އެ ހާދިސާ ހިނގައިގެން ރިޕޯޓުކުރީ މިދިޔަ ހޯމަ ދުވަހު މެންދުރު 14:47 ގައެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވިއެވެ. އެގޮތުން، އަލިފާންގަނޑު ނިއްވާލި ފަހުން އަނެއްކާ ވެސް އެ އިމާރާތުގައި އަލިފާން ހިފައިގެން ނިއްވާލަން ޖެހުނެވެ.

https://sun.mv/196759

އެ ހާދިސާގައި ޖެހިގެން ހުރި އިމާރާތަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވާއިރު، ކެފޭ ހިންގި އިމާރާތް ހުރީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. އެހެންވެ، އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުން ފެށީ މިދިޔަ އަންގާރަ ދުވަހެވެ.

އެގޮތުން، އިއްޔެ ވަނީ އިމާރާތް ތަޅާލުމުގެ މަސައްކަތް ނިންމުމަށް ފަހު، އެ މަގު ބޭނުންކުރަން ހުޅުވާލާފައެވެ.

comment ކޮމެންޓް