ބޯށި މިއީ ނުކައި ދޫކޮށްލާވަރުގެ އެއްޗެއް ނޫން

ބޯށި: ހަށިގަނޑަށް ނުހަނު ފައިދާ ހުރި ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

ކެޔޮ ނިރުގަނޑުގައި އަޅާ މާގަނޑު ނުވަތަ ބޯއްޓަކީ ދިވެހީންނަށް އާ ބާވަތެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ދިވެހީންގެ ދިރިއުޅޭ ކޮންމެ ގެއެއްގައި ވެސް ގިނަ އަދަދަކަށް ކެޔޮ ގަސް ހައްދައެވެ. އޭރު ކެޔޮ ގަހުގެ އަދަދު ގިނަކަމުން ބޯއްޓަކީ އެހާ މުހިއްމު ބާވަތެއް ކަމަކަށް ގިނަ ބަޔަކު ނުދެއެކެވެ. ނަމަވެސް, މިއީ ބޭނުންނުކޮށް ދޫކޮށްލާވަރުގެ ބާވަތެއް ނޫނެވެ.

ބޯއްޓަކީ މޭވާގެ ބާވަތަކުން އުފެދޭ އެއްޗަކަށްވީ ނަމަވެސް އާއްމުގޮތެއްގައި ކެއުމުގައި ބޭނުންކުރަނީ ތަރުކާރީއެއްގެ ގޮތުގައެވެ. ދިވެހީން އާއްމުކޮށް ބޯށި ބޭނުންކުރަނީ ތެލުލައިގެންނާއި، މަހާ އެކު ބޯށި މޮޑެގެންނާއި އަދި މީރުކޮށްލައިގެންނެވެ. ބޯށީގައި ބޯކިބާ އަޅައިގެން ވެސް ކައެވެ.

ބޯށި ބޭނުންކޮށްގެއް ތައްޔާރުކުރެވިފައިވާ ސެލެޑެއް--ފޮޓޯ/ޕިންޓްރެސްޓް

ހަށިގަނޑަށް ދިމާވާ ވަރަށް ގިނަ ސިއްހީ މައްސަލަތަކަށް ހައްލު ހޯދައިދޭ ބޯށި، ކެއްކުމުގައި ބޭނުންކުރުމަކީ ޕާރުސަލެއް ނުވަތަ ހަދިޔާއެއް ކަނޑާލުމަށް ފަހު އޭގެ ބައިތައް ނިއުޅުވާލުން ފަދަ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ. ސައިންޓިފިކް ގޮތުން 'މޫސާ އެކިއުމިނޭޓާ'ގެ ނަމުން ނަންދެވިފައިވާ ބޯއްޓަކީ ބައެއް މީހުން އެއިން ސައި ތައްޔާރުކޮށް ނިއުޓްރީޝަނަލް ސަޕްލިމެންޓެއްގެ ގޮތުގައި ވެސް ބޯން ބޭނުންކުރާ އެއްޗެކެވެ.

ބަނާނާ ފްލާވަ ނުވަތަ ބޯށިން ހަށިގަނޑަށް ލިބޭ ސިއްހީ ފައިދާތަކުގެ ތެރޭގައި ހަށިގަނޑުގެ ކޮލެސްޓްރޯލް ދަށްކޮށްދިނުމާއި، ހަކުރު ދަށްކޮށްދިނުން ހިމެނެއެވެ. ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ބޯއްޓަކީ ކުޑަކަމުދާ ނިޒާމުގެ ބަލިތައް ތަހައްމަލުކުރާ މީހުންނަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދައިދޭ ބާވަތެކެވެ.

ބޯށިން ދިވެހިންގެ ހެނދުނުގެ ނާސްތާގައި އާއްމުކޮށް ބޭނުންކުރާ މަސްހުނި ފަސޭހައިން ތައްޔާރުކޮށްލެވޭ--ފޮޓޯ/ލޮނުމެދު

މީގެ އިތުރުން، ލޭގެ ޕްރެޝަރު ދަށްކޮށްދީ، އަންހެނުންނަށް ދިމާވާ މައްސަރު ކަންތައްތަކަށް ލުޔެއް ބޭނުންނަމަ ބޯށި ދުވަހުގެ ކޮންމެ ވެސް އެއް ކެއުމެއްގައި ހިމަނާލުން މުހިއްމެވެ.

ބޯއްޓަކީ ފައިބާއިން މުއްސަނދި ބާވަތެއްކަމުން ގޭހުގެ މައްސަލައަށް ހައްލު ހޯދައިދީ ކާއެއްޗެހި އަވަހަށް ހަޖަމުކޮށްދިނުމަށް ވެސް އެހީވެދެއެވެ. އޭގައި އެކުލެވޭ ޒިންކުގެ މާއްދާގެ ސަބަބުން ކަށީގެ ދުޅަހެޔޮކަން ވެސް އިތުރުކޮށްދެއެވެ.

ބޯއްޓަކީ ތަފާޓު އެކި ގޮތްގޮތަށް ތައްޔާރުކޮށްލެވޭ ބާވަތެއް ނަމަވެސް ދޮންކެޔޮ ކައިގެން އެއްވެސް ކަހަލަ އެލާޖީއެއް ނުވަތަ އެހެންކަހަލަ އުނދަގުލެއް އިހުސާސްވާ ފަރާތެއް ނަމަ ބޯށި ބޭނުންކުރުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދުން ވަރަށް މުހިއްމެވެ.

comment ކޮމެންޓް