ތިނަދޫ ސިޓީއަށް ފެން ޕްލާންޓެއް ހޯދީ އެ ކުންފުނީގެ ޕްރޮކިއުމަންޓުގެ އުސޫލުގެ ތެރެއިން ކަމަށް ފެނަކައިން މިރޭ ބުނެފިއެވެ.
ފެނަކައިން މިހެން ބުނެފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަވަސް އަރުވާލާފައި ތިނަދޫ ސިޓީއަށް ފެން ޕްލާޓެއް ހޯދި ކަމަށް ބުނެ ދޮގު މައުލޫމާތުތަކެއް މައްޗަށް ބިނާކޮށް ޚަބަރެއް ފަތުރަމުން އަންނާތީއެވެ.
އެކަމާ ގުޅުވައި މިރޭ ނެރުނު ބަޔާނެއްގައި ފެނަކައިން ބުނީ، މި ސަރުކާރާ ހަވާލުވުމަށް ފަހު އެކުންފުނިން ފެނުގެ ޚިދުމަތް ދޭ ހަތް ރަށެއް އޮތީ ވަރަށް 'ކްރިޓިކަލް ހާލަތުގައި' ކަމަށާއި އާބާދީއަށް ބަލާއިރު އެރަށްތަކުގެ ތެރެއިން އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވަނީ ތިނަދުއަށް ކަމަށެވެ.
އެގޮތުން، މިހާރު އެ ސިޓީގައި ޚިދުމަތް ދޭ ފެން ޕްލާންޓުން އެކަނި ޚިދުމަތް ދޭން ޖެހުމުން ފާއިތުވި ދެ މަސް ތެރޭ ޚިދުމަތް މެދުކެނޑި ތިން ފަހަރު މަތިން އަމިއްލް ފަރާތެއްގެ އަތުން ފެން ހޯދަން ޖެހުނު ކަމަށް ފެނަކައިން ބުނެފައިވެއެވެ.
މިގޮތަށް އަމިއްލަ ފަރާތަކުން ފެން ހޯދާއިރު އެތައް ގުނަ ބޮޑޫ ޚަރަދެއް ކުރަން ޖެހެއެވެ. އެގޮތުން، ފާއިތުވި ދެ މަސް ދުވަސް ތެރޭ ތިނަދޫ ސިޓީއަށް އެކަނި 4.5 މިލިއަން ރުފިޔާގެ ފެން ފޯރުކޮށްދޭން ޖެހުނެވެ. އަދި، މިގޮތަށް ޚިދުމަތަށް ބުރޫ އަރާ ކޮންމެ ފަހަރަކު ރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފުތަކަކާ ކުރިމަތިލާން ޖެހެއެވެ. ފެނަކައިގެ ބަޔާން
އެހެންވެ، އެ މައްސަލައަށް އަވަސް ހޯދަދިނުމަށް އާ ފެން ޕްލާންޓެއް ހޯދަން ސްޓެލްކޯއަށާއި އެމްޑަބްލިއުއެސްސީއަށް ހުށަހަޅާފައިވާ ކަމަށާއި އެމްޑަބްލިއުއެސްސީން އެކަމަށް ފަސް ހަފްތާ ހޭދަކޮށްފައިވާއިރު، ސްޓެލްކޯއިން 180 ދުވަސް ހޭދަވަނެ ކަމަށް ބުނެފައިވާ ކަން އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.
ފެނަކައިން ބުނީ، ދެ ކުންފުނިން ވެންޑަރުންގެ ތެރެއިން އެ ޚިދުމަތް ދޭ އަމިއްލަ ހުރިހާ ކުންފުނިތަކަށް އާރްއެފްކިއު (ރިއުއެސްޓު ފޯ ކުއޯޓް) ކުރެވުނު ކަމަށާއި އެ ގޮތަށް ހުޅުވާލި ދެ ފުރުސަތުގައި ވެސް ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށެެވެ.
ފެން ޕްލާންޓާ ގުޅުވައި ފެނަކައިން އިތުރަށް ބުނެފައިވާ ކަންކަން:
- ރިކުއެސްޓު ހުށަހެޅި ފަރާތާއެކު އެއްބަސްވުމުގެ ކުރިން އަގާ މެދު މަޝްވަރާކޮށް އަގު ކުޑަކުރުން
- ފެން ޕްލާޓު ހޯދަން އަމަލުކޮށްފައި ވަނީ ފެނަކައިގެ ޕްރޮކިއުމަންޓު އުސޫލުގެ ތެރެއިން
- ފެން ޕްލާންޓު އިންސްޓޯލް ކުރާނީ އޭގަ ހިމެނެން ޖެހޭ ހުރިހާ ބައިތަކެއް ފުރިހަމަކޮށްފައި
- އާ ޕްލާންޓު އިންސްޓޯލް ކުރެވުމުން ތިނަދޫގައި 600 ފެން އުފެއްދޭނެ
ފެނަކައިން ވަނީ އެފަދަ ދޮގު ޚަބަރުތައް ފަތުރަނީ ވަކި ބަޔަކު އަޑީގައި ތިބެގެން ކަމަށާއި ކުންފުނީގެ މެނޭޖްމަންޓުގެ އަގު ވައްޓާލުމަށް ކަން ފާހަގަކޮށްފައިވެއެވެ.