ސަންޖޭގެ މިއުޒިކަލް ލޯބީގެ ފިލްމަށް ސިދާތު އާއި މްރޫނަލް

ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ، ފިލްމީ ތަރިން ކަމަށްވާ މްރުނަލް އަދި ސިދާތު--ފޮޓޯ/ ބޮލީވުޑްހަންގާމާ

ލޯބީގެ ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކަށް ފިލްމީ ތަރިން ކަމަށްވާ ސިދާތު ޗަތުރުވެދީ އާއި މްރޫނަލް ތާކުރު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިއީ ސަންޖޭގެ ފިލްމަކަށް މި ދެ ތަރިން ސޮއިކުރި އަދި ދެ ތަރިން އެކީގައި ވެސް މަސައްކަތްކުރާނެ ފުރަތަމަ ފިލްމެވެ. "ތުމް ހީ ހޯ"ގެ ނަމުގައި ސަންޖޭ އުފައްދާ މި ފިލްމަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މިއުޒިކަލް ފިލްމެކެވެ. ފިލްމުގެ ނަން ގުޅުވާފައި ވަނީ 2013 ވަނަ އަހަރު ރިލީޒްވި ރީތި ލޯބީގެ ފިލްމު "އާޝިޤީ2" އާއެވެ.

މި ފިލްމަކީ މިދިޔަ އަހަރުން ފެށިގެން އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ފިލްމެއް ކަމަށާއި އަންނަ އޮކްޓޯބަރު މަހު ފިލްމުގެ ބޮޑު ބައެއް އިންޑިއާގެ އުއްތަރަޚަންދުގައި ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން ސިދާތު އާއި މްރޫނާލް ފިލްމުގައި ފެންނާނީ ކުޅަދާނެ ދެ މިއުޒީޝަނުންގެ ގޮތުގައެވެ.

ސިދާތު އާއި ރަންވީރު ސިންގް ފިލްމު "ގައްލީ ބޯއި"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ގައްލީ ބޯއި"އިން ގިނަ ބައެއްގެ ތަރުހީބު ލިބުނު އެކްޓަރު ސިދާތު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އެކްޝަން ތުރިލާ "ޔުދްރާ"އިންނެވެ. ސައުތު ސިނަމާގެ ފިލްމުތަކުން މި ފަހުން ފެންނަންފެށި ހުނަރުވެރި ބަތަލާ އަންނަނީ ބޮލީވުޑްގެ ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.

އެއީ އަޖޭ ދޭވްގަންއާ އެކު ކުޅޭ ފިލްމު "ސަން އޮފް ސަރުދާރު" އަދި ވަކި ނަމެއް ހަމަޖެހިފައިނުވާ، ވަރުން ދަވަންއާ އެކު ކުޅޭ ފިލްމެކެވެ.

comment ކޮމެންޓް