ބްރޯންޒް މެޑަލް ހާސިލްކުރުމުން ދިވެހި އެތުލީޓުންނަށް ރައީސްގެ ތައުރީފް

ސައުތް އޭޝިއަން ޖޫނިއާ އެތްލެޓިކްސް ޗެންޕިއަންޝިޕްގައި ރާއްޖޭން ވާދަކުރި އެތުލީޓުން: ބްރޯންޒް މެޑަލް ހާސިލްކޮށް، ގައުމަށް ރީތި ނަން ހޯދަދިނުމުން ދިވެހި އެތުލީޓުންނަށް ރައީސްގެ ތައުރީފް ---- ފޮޓޯ/ ރައީސް މުއިއްޒު

ހަތަރު ވަނަ ސައުތް އޭޝިއަން ޖޫނިއާ އެތްލެޓިކްސް ޗެންޕިއަންޝިޕްގައި ދިވެހި އެތުލީޓުން ބްރޯންޒް މެޑަލް ހާސިކޮށް، ގައުމަށް ރީތި ނަން ހޯދައިދިނުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެތުލީޓުންގެ މަސައްކަތަށް ސާބަސް ދެއްވައި، ތައުރީފް ކުރައްވައިފިއެވެ.

އެތުލީޓުންގެ މަސައްކަތް ފާހަގަކުރައްވައި މިރޭ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ޒުވާން އެތުލީޓުން ބްރޯންޒް މެޑަލް ހާސިލްކޮށް ދެއްކި ހުނަރާއި ހިތްވަރަށް ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި، އެތުލީޓުންގެ މަސައްކަތަށް އެމަނިކުފާނު ވަނީ ސާބަސް ދެއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ޗެންނާއީގައި މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.

މި މުބާރާތުގައި ދިވެހި އެތުލީޓުންގެ ޓީމުން އަންހެން އަދި ފިރިހެން 100 މީޓަރު ރިލޭއިން ބްރޯޒްމެޑަލް މެޑަލް ހޯދީ ރާއްޖޭގެ ޖޫނިއާ އުމުރުފުރާގެ އައު ރެކޯޑަކާއެކުއެވެ.

މި ފަހަރުގެ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވާދަކޮށްފައިވާއިރު، އެއީ އަންހެން އަށް އެތުލީޓުންނާއި ފިރިހެން އަށް އެތުލީޓުންނެވެ.

comment ކޮމެންޓް