އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ އެއް ފިލާވަޅަކީ މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުމުގެ މުހިއްމުކަން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައެވެ.
ރަސޫލުބޭކަލުންގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުމުގެ މައުޞޫއުގައި މިއަދު ކީ ހުކުރު ޚުތުބާގައި ބުނީ ޝިފާ ލިބުމާއި ކާމިޔާބުލިބުން ވަނީ ﷲގެ ހަޟުރަތުން ކަމަށެވެ.
ކެތްތެރިވެ ސާބިތުކަމާ އެކު ދެމިހުރެވިއްޖެ ނަމަ ލިބޭ ކާމިޔާބުގެ މަތިވެރިކަން ފާހަގަކޮށް، އައްޔޫބުގެފާނުގެ މުޅި ހަށިކޮޅުގެ ހުރިހާ ގުނަވަންތަކެއް ވޭނާއި ކެކުޅުމުގައި ވީ ހިނދު ވެސް އެކަލޭގެފާނު މާތްﷲ އަށް ޒިކުރުކުރުމާއި އަޅުކަން ކުރުމުގައި ދެމިއޮންނެވުމުން ލިބުނު އުފާވެރިކަމުގެ ޚަބަރުގެ ވާހަކަ ޚުތުބާގައި ކިޔައިދިނެވެ.
އެގޮތުން، އައްޔޫބުގެފާނަށް ނުހަނު ގިނަ މުދަލާއި އަޅުންނާއި ދަރީން ދެއްވި ކަމަށާއި ޢަދަދު ނުކުރެވޭ ވަރަށް ދަނޑު ފަނގުތަކަކާއި ނަޢަމްސޫފިތައް ދެއްވި ކަމަށް ޚުތުބާގައި ބުންޏެވެ.
އަދި، ދުޅަހެޔޮ ސިއްޙަތާއި ތަނަވަސްކަމުގެ ނިޢުމަތުގައި އެކަލޭގެފާނު އެތަކެއް އަހަރު ދިރިއުޅުއްވި ކަމަށާއި އޭގެ ފަހުގައި މާތްﷲ އެ ކަލޭގެފާނު އިމްތިޙާނުކުރެއްވުމުގެ ގޮތުން ބޮޑު ބަލިމަޑުކަމެއް ޖެއްސެވި ކަމަށް ޚުތުބާގައި ބުންޏެވެ.
އެ ބަލިމަޑުކަމުގައި އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި އަސަރުނުކުރާ އެންމެ ގުނަވަނެއް ވެސް އެކަލޭގެފާނުގެ ހަށިކޮޅުގައި ނުވާ ކަމަށާއި އެކަލޭގެފާނުގެ ދަނޑު ފަނގުތަކާއި ނަޢަމްސޫފިތަކާއި ހުރިހައި މުދަލަކާއި ދަރީންނެއް ނެތިކުރެއްވިއެވެ. އަދި، ހުރިހައި އަޅުންނާއި ޚާދިމުންނާއި ގާތްތިމާގެ މީހުންނާއި އެކުވެރީން އެކަލޭފާނު ދޫކޮށް ދިޔަ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި ވަނީ ފަގީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން މާތްﷲ އަށް ދުޢާކުރެއްވުމާއި ޛިކުރުކުރެއްވުމުގައި ދެމިއޮންނެވިކަން ފާހަގަކޮށްފައެވެ.
އެއާ ހިލާފަށް ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ ދަތި އުނދަގޫތަކެއް ދިމާވެއްޖެ ނަމަ ނަމާދުކުރުމާއި އަދި އެ ނޫން ވެސް އަޅުކަންތަކާ ދުރުހެލިވެ، ފެޔަށް ޖެހުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ބަލައި، އެ ކަންކަމާއި ދުރަށް ދާތަން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
އަދި، ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެންނަނީ މަދުން ނޫން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
އައްޔޫބުގެފާނުގެ ވާހަކައިން ލިބިދޭ އަނެއް ފިލާވަޅަކީ، މާތްﷲ އަށް އީމާންވެގެން ތިބި ކަމުގައިވީ ނަމަވެސް މި ދުނިޔޭގެ ޙަޔާތުގައި އެކަލާނގެ އަހަރެމެން އިމުތިޙާނުކުރައްވާނެކަން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، އެކަލޭގެފާނުގެ ވާހަކައިން އެކަލޭގެފާނުގެ އަނބިކަނބަލުންގެ މަތިވެރި ޤުރުބާނީ އެނގިގެންދާ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
އެކަލޭގެފާނު ދޫކޮށް އެންމެން ދިޔަހިނދު ވެސް އެކަމަނާ، އެ ފަޤީރު ދަތި އުނދަގޫ ޙާލަތުގައި އެކަލޭގެފާނަށް އެހީތެރިވުމުގައި ދެމިހުންނެވި ކަމަށާއި އެ ކަމަނާ މީސްތަކުންނަށް ނޯކިރީކޮށްދެއްވައިގެން އައްޔޫބުގެފާނަށް ފަރިއްކޮޅު އަރުވަމުން، އެކަލޭގެފާނުގެ ޚިދުމަތުގައި ދެމިހުންނެވި ކަމަށް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.
އެހެންވެ، ދަތި އުނދަގޫ ހާލަތްތަކުގައި ވެސް ކެތްތެރިވެ، އަޅުކަން ކުރުމުގައި ދެމިހުރުމަށް ޚުތުބާގައި ވަނީ ގޮވާލައިފައެވެ.