'އެމްއެސް ދޯނީ' ފިލްމުން ފުރުސަތު ގެއްލުން ރަކުލް އެ ކަމާ ރުއި

ފިލްމު 'އެމްސް ދޯނީ'ގެ މަންޒަރެއްގައި އެކްޓަރު ސުޝާންތު ސިންގް ރާޖް ޕުތް އަދި ދިޝާ--ފޮޓޯ/ޕިންކްވިލާ

މިދިޔަ 2016 ވަނަ އަހަރު ރިލީޒްކޮށް، ވިޔަފާރީގެ ގޮތުން ވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އެމްއެސް: ދޯނީ-ދަ އަންޓޯލްޑް ސްޓޯރީ"އިން ލިބުނު ފުރުސަތު ގެއްލުމުން އެ ކަމާ ވަރަށް ދެރަވެ، ރޮވުނު ކަމަށް ބަތަލާ ރަކުލް ޕްރީތް ސިންގް ބުނެފިއެވެ.

މަޝްހޫރު ޕޮޑްކާސްޓަ ރަންވީރު އައްލަހަބާދިއާގެ ޔޫޓިއުބް ޗެނަލްއަށް ދިން އިންޓަވިއުއެއްގައި ރަކުލް ބުނެފައިވަނީ ނީރަޖް ޕާންޑޭގެ ފިލްމުގައި ބަތަލާ ދިޝާ ޕަތާނީ ކުޅުނު ރޯލަށް އެންމެ ފުރަތަމަ ސޮއިކުރީ ރަކުލް ކަމަށެވެ.

ދިޝާ ކުޅުނު ރޯލަށް ތައްޔާރުވުމުގެ ގޮތުން ކޮސްޓިއުމް އަދި ސްކްރިޕްޓަށް ފަރިތަކޮށް އެއް މަސް ދުވަސްވަންދެން ޝޫޓިންތަކުގައި މަސައްކަތް ކުރިކަމަށް ރަކުލް ވަނީ ބުނެފައެވެ. އެހެންނަމަވެސް، ރަކުލްއަށް ފިލްމުން ފުރުސަތު ގެއްލުނީ "އެމް އެސް:ދޯނީ ދަ އަންޓޯލްޑް ސްޓޯރީ"ގެ ޓީމުން އެއް މަސްކުރިން ރަކުލްއަށް ދިން ރޯލްގެ ޝޫޓިން ނިންމާލަން ނިންމުމާ ގުޅިގެން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު 'ދޭ ދޭ ޕިޔާރު ދޭ'ގެ މަންޒަރެއްގައި ރަކުލް އެކްޓަރު އަޖޭ ދޭވްގަންއާ އެކު--ފޮޓޯ/މިސްމާލިނީ

އޭރު ރަކުލް ވަނީ ނީރަޖްގެ ފިލްމަށް ސޮއިކުރުމުގެ މާ ކުރިން ތެލުގޫ ފިލްމެއްގެ މަސައްކަތް ފަށާފައި ކަމަށާއި ތެލުގޫ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި ޖޫނިއަ އެންޓީއާރް ލީޑް ރޯލް ކުޅުނު އެ ފިލްމުގެ މަސައްކަތް ވެސް އެއް މަސް ތެރޭ ނިންމަން ޖެހުނު ކަމަށް ރަކުލް ވަނީ ބުނެފައެވެ.

އެހެންވެ، އެއް ދުވަސްވަރެއްގައި ދެ ފިލްމަށް ވަގުތު ދެވެން ނެތުމުން ފިލްމު ދޫކޮށްލަން މަޖުބޫރުވީ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ސައުތު ސިނަމާގެ ފިލްމުތަކުން އެކްޓިންގް ކެރިއަރު ފެށި ރަކުލްއަކީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ގާބިލު ބަތަލާއިންގެ ތެރޭ ހިމެނޭ ތަރިއެކެވެ. ރަކުލް އެންމެ ފަހުން ކުޅެފައިވާ ބޮލީވުޑް ފިލްމަކީ މިދިޔަ އަހަރު ޖިއޯ ސިނަމާއިން ގެނެސްދިން "އައި ލަވް ޔޫ"އެވެ. ފިލްމު "ދޭ ދޭ ޕިޔާރު ދޭ"، "ޑޮކްޓަރު ޖީ" އަދި "ރަންވޭ"ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ "ދޭ ދޭ ޕިޔާރު ދޭ 2"އިންނެވެ.

comment ކޮމެންޓް