ފައުންޑޭޝަނަށް ވަންނަ ކުދިންގެ 80 ޕަސަންޓު ކުދިން ކޯސް ދޫކޮށްލާ: ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު: މިނިސްޓަރު ވިދާޅުވީ ފައުންޑޭޝަނަށް ވަންނަ ކުދީންގެ 80% ކޯސް ދޫކޮށްލާ ކަމަށް--- ފޮޓޯ/ ރައީސް އޮފީސް

ސްކޫލު ނިންމުމަށްފަހު ފައުންޑޭޝަން ކޯސްތަކަށް ވަންނަ ކުދީންގެ ތެރެއިން 80 ޕަސަންޓު ދަރިވަރުން ކޯސްދޫކޮށްލާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ފާއިތުވި ހައެއްކަ މަސްދުވަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ ލަފާފުޅާއެކު ރާއްޖޭގައި މަތީތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކޮށްފައި ވާކަމަށެވެ.

އަދި މިއަހަރު އޭލެވެލް ފެއްޓިއިރު ސަރުކާރުގެ ސްކޫލުތަކުގައި އަލަށް 2000 ކުދީން އޭލެވެލްގެ ތައުލީމު ހާސިލްކުރަމުންދާނެ ކަމަށާއި މިއީ ފާއިތުވެދިޔަ އަހަރަށްވުރެ 77 ޕަސަންޓު އިތުރު އަދަދެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ގައުމީ ޔުނިވާސިޓީގެ ތަފާސްހިސާބަށް ބަލާއިރުވެސް ފާހަގަވެގެންދަނީ ގައުމީ ފައުންޑޭޝަނަށް ވަންނަ ކުދީންގެ 80 ޕަސަންޓު ދަރިވަރުން ކޯސް ދޫކޮށްލާ ކަން. އެހެންވީމާ ފުރުސަތު ފަހިކޮށް މިދެވުނު 77 ޕަސަންޓު ދަރިވަރުންނަށް އޯލްޓަނޭޓިވް ޕާތްވޭސްތައް ކްރިއޭޓްކޮށްގެއް އެ ކުދިންނަށް ފުރުސަތު ދީގެން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ ނަމަ، ﷲގެ ރަހުމަތުން އަޅުގަނޑުމެންނަށް މަތީ ތައުލީމު ހާސިލްކުރާ ކުދިންގެ އަދަދު ގިނަކުރެވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސޯދަށާއި ރާއްޖޭގެ ކުރިއެރުމަށް ހެވާ ލާބަހުރި ޖީލެއް ބިނާކުރުމުގެ މަސައްކަތައް އެކަށީގެންވާ ކާމިޔާބީއެއް ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވިސްނުން ހުރީ، މި 77ޕަސަންޓު ދަރިވަރުންގެ ތެރެއިން ފުރަތަމަ ސެމިސްޓާ ނިމިގެންދާއިރު އެކަށީގެންވާ ނަތީޖާތައް ނުހޯދޭ ދަރިވަރުންނަށް ވެސް މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ވަރުގެ ސެޓްފިކެޓް ލެވެލް ހަތަރެއްގެ ސަނަދަކާ ހަމައަށް ދެވޭވަރަށް ދެއަހަރުގެ އޭލެވެލްގެ ތައުލީމުގެ ތެރެއިން އެކުދީންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

މިރޭގެ ޖަލްސާގައި މިނިސްޓަރު ވަނީ ވޭތުވެދިޔަ އަހަރުތަކުގެ އޭލެވެލުން ލިބިފައިވާ ނަތީޖާތައް ހިއްސާކުރައްވާފައެވެ.

"އަދި އޭލެވެލްގެ ނަތީޖާއަށް ބަލާއިރު 2021ވަނަ އަހަރު 50 ޕަސަންޓު އަށް ވުރެ ކުޑަކޮށް މަތީގަ. 2022ވަނަ އަހަރު ގާތްގަނޑަކަށް އެވަރުގަ ހިފެހެއްޓިފަ. 2023 ވަނަ އަހަރު އެންމެ ފަހުގެ ނަތީޖާއަށް ބަލާއިރު ހަމަ ކިރިޔަ ކިރިޔާ 40 ޕަސަންޓުއަށް ވާސިލްވެފަ ވަނީ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިލްމީ ގޮތުން ގައުމު ތަރައްގީ ކުރެވޭނީ ދަރިވަރުންނަށް ފުރުސަތު ދީގެން ކަމަށެވެ. އަދި އެކަށީގެންވަ ޓީޗިން ފޯސްއެއް ބިނާކޮށް، ދަރިވަރުންގެ ޕްރައިމަރީ ހަޔާތުގެ ނަތީޖާ ރަނގަޅު ކުރުމަކީ މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އޯލެވެލް ޓޮޕް 10 ފާހަގަކުރުމަށް އެޑިއުކޭޝަން މިނިސްތްރީން ވަނީ ޕޮލިސީއެއް އެކުލަވައިލާފައި ކަމަށެވެ. އެގޮތުން، އަންނަ މަހުގެ އިމްތިހާނު ނިމި، ކިޔެވުން ފެށުމުން ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންނާ މަޝްވަރާކޮށް އޯލެވެލް ޓޮޕް 10 ފާހަގަކުރުމަށް ރަނގަޅު ދުވަހެއް ކަނޑައަޅާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު އުންމީދު މިކުރަނީ އިރާދަކުރެއްވިއްޔާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އަޅުގަނޑުމެންނަށް އެކަން ހާސިލުވާނެކަމަށް،" ޝަފީއު ވިދާޅުވިއެވެ.

މަތީ ސާނަވީއާއި، ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމުގެ ޖަލްސާ މިއަދު ވަނީ ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް