ހުޅުމާލޭ މަގުތަކުގައި ނުގަވާއިދުން ބަހައްޓާފައި ހުރި ތަކެތި ނަގަން އަންގައިފި

ހުޅުމާލޭ ޕޭމަންޓެއް މަތީގައި ގޮނޑިޔާއި މޭޒު ޖަހާފައި --

ހުޅުމާލޭ މަގުތަކުގައި ނުގަވާއިދުން ބަހައްޓާފައި ހުރި ތަކެއްޗާއި މުދާ މިމަހުގެ 19ވަނަ ދުވަހުގެ ކުރިން ނެގުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން އަންގައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތަކާއި ޕޭމެންޓު މަތީގައި ބަހައްޓާފައި ހުރި ތަކެތި ނެގުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާއެކު އެ ކޯޕަރޭޝަނުން ފަށާފައި ވާކަމަށެވެ.

އަދި އެ މަސައްކަތް އިތުރަށް ފުޅާކޮށް ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގެ ހުރިހާ މަގުތަކެއްގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް އެ ކޯޕަރޭޝަނުން ނިންމާފައި ވާކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި މުދަލާއި ތަކެތި ދީފައިވާ މުއްދަތުގެ ތެރޭގައި ނެގުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ތަކެތި ނުނަގައިފި ނަމަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ތަކެތި ނެގުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އަދި އެގޮތަށް އަމަލު ކުރުމުގެ ތެރޭގައި އެ މުދަަލަކަށް ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް އެ ކޯޕާރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީން މީގެކުރިން ވެސް ވަނީ، ހުޅުމާލެ ދުވާރުމަތީ ޖަހަފައިވާ ކޮފީ މޭޒުތަކައި ގޮނޑިތައް ނަގަން މުއްދަތުދީ، އެ މުއްދަތުގައި ނުނަގައި ހުރި ތަކެތި ނަގާފައެވެ.

comment ކޮމެންޓް