މޮބައިލް ފޯނާއި އެހެނިހެން ސްކްރީންތައް ކުޑަކުދިން ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވުމުގެ ސަބަބުން، ގިނަ އަދަދެއްގެ ކުޑަކުދިން "ވާޗުއަލް އޯޓިޒަމް"އަށް ހުށަހެޅެމުންދާ ކަމަށް އިންޑިއާގެ ކެރެލާގެ ކުޑަކުދިންގެ ނާރުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. އާރް. އާނަންދަމް ވިދާޅުވެއްޖެއެވެ.
ކެރެލާގެ ތިރުވަނަންތަޕޫރަމްގެ އެސް.އޭ.ޓީ ހޮސްޕިޓަލުގައި އެ ސްޓޭޓްގެ އެންމެ ފުރަތަމަ ޕީޑިއެޓްރިކް ނިއުރޮލޮޖީ ޑިޕާޓްމަންޓް ޤާއިމުކުރައްވައި، އިންޑިއަން އެކަޑަމީ އޮފް ނިއުރޮލޮޖީގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދާދިފަހުން ހާސިލުކުރެއްވި ޑރ. އާނަންދަމް، "ދަ ނިއު އިންޑިއަން އެކްސްޕްރެސް"އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވިދާޅުވީ، ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއެކު ދެމަފިރިން ވަޒީފާގައި އުޅެންޖެހުމުން ކުދިންނާއެކު ހޭދަކުރެވޭ ވަގުތު މަދުވެފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ކުދިން މަސަލަސްކުރުމަށާއި ކާންދިނުމަށްޓަކައި އަތަށް ފޯނު ދިނުން އާންމުވެ، ކުދިންނާ ވާހަކަދެކެވޭ މިންވަރު ދަށްވުމުން ކުދިންގެ ބަސްމޮށުންތެރިކަން ލަސްވުމާއި ސުލޫކީ މައްސަލަތައް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުޑަކުދިންގެ ސިކުނޑި ތަރައްޤީވުމުގައި އުމުރުން އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކީ އެންމެ މުހިންމު ދުވަސްވަރުކަން ފާހަގަކުރައްވަމުން ޑރ. އާނަންދަމް ވިދާޅުވީ، އުމުރުން ދެ އަހަރު ވަންދެން ކުޑަކުދިންނަށް އެއްގޮތަކަށްވެސް މޮބައިލް ފޯނު ދައްކައިގެން ނުވާނެ ކަމަށެވެ. އަދި އުމުރުން ފަސް އަހަރު ވަންދެން ސްކްރީން ވަގުތު ވަރަށް ބޮޑަށް ހިފަހައްޓަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ކެރެލާގެ ކުޑަކުދިންގެ ނާރުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރު، ޑރ. އާރް. އާނަންދަމް--ފޮޓޯ/އިންޑިއަންއެކްސްޕްރެސްސްކްރީންތަކަށް މާ ބޮޑަށް ބެލުމުގެ ސަބަބުން ކުދިންގެ ލޮލުގެ ފެނުމަށް އަސަރުކުރުމުގެ އިތުރުން، ކުދިންގެ ބަސްކޮށާރު މަދުވެ، އެހެން މީހުންނާ އެކަހެރިވުމުގެ ސިފަ އަށަގަންނަ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ކާޓޫނުތަކުގައި ހުންނަ ގަދަ ކުލަތަކާއި އަވަސް މަންޒަރުތަކުގެ ސަބަބުން ކުދިންގެ ސިކުނޑިއަށް ބާރުބޮޑުވެ، ކުދިން މާ ބޮޑަށް ހަލަނިވުމަށް (ހައިޕައެކްޓިވިޓީއަށް) މަގުފަހިވާ ކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ. އަދި ކުދިންގެ މެދުގައި ފޮތް ކިޔުމުގެ އާދަ ދަށްވެ، 50 އިންސައްތަ ކުދިން އެއްގޮތަކަށްވެސް ފޮތް ނުކިޔާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ތަހައްމަލުކުރާ ކުދިންގެ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މި ބަލި އިތުރުވުމުގެ ފަހަތުގައި ލަހުން ކައިވެނިކުރުމާއި، ސިޒޭރިއަން ހަދާ މިންވަރު އިތުރުވުމާއި، އެންޓިބަޔޮޓިކްސް މާ ގިނައިން ބޭނުންކުރުމާއި، ތިމާވެށި ތަޣައްޔަރުވުމުގެ އިތުރުން ވިޓަމިން ޑީ މަދުވުން ފަދަ ކަންކަން ހިމެނޭ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ޑރ. އާނަންދަމް ވިދާޅުވިއެވެ. އެހެންނަމަވެސް، މިއީ އަދިވެސް ދިރާސާކުރެވެމުންދާ ކަންކަން ކަމަށާއި، ސީދާ މިވެނި ކަމަކުން އޯޓިޒަމް ޖެހޭކަމަށް ކަނޑައެޅިގެން ބުނަން އަދި އަވަސް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ކުރީ ޒަމާނާ އަޅާބަލާއިރު މިހާރުގެ ކުޑަކުދިން ޖިސްމާނީ ގޮތުން ދުޅަހެޔޮ ނަމަވެސް، ޖަންކް ފުޑް ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކާއި، އޮޓޯއިމިއުން ބަލިތައް ކުޑަކުދިންގެ މެދުގައި އިތުރުވަމުންދާކަން ފާހަގަކުރައްވައި، އުމުރުން ފަސް އަހަރުގެ ކުއްޖެއްގެ ކެއުމުގައި ކާބޯހައިޑްރޭޓްސް އާއި ސަރުބީ މަދުކޮށް، ޕްރޮޓީން ގިނައިން ހިމެނުމަށް ޑރ. އާނަންދަމް އިރުޝާދު ދެއްވިއެވެ.
ކުދިން ތަރުބިއްޔަތު ކުރުމުގައި މަންމަ އާއި ބައްޕަގެ ދައުރު އެއްވަރަކަށް މުހިންމުކަން ފާހަގަކުރައްވަމުން ޑރ. އާނަންދަމް އިރުޝާދު ދެއްވީ، ޒަމާނީ ޓެކްނޮލޮޖީ އާއި ފޯނުތަކުގެ ޝިކާރައަކަށް ކުދިންގެ މައުސޫމުކަން ވިޔަނުދީ، ކުދިންނާއެކު ވަގުތު ހޭދަކޮށް، ބޭރުތެރޭގެ މާހައުލާއި ޤުދުރަތީ ރީތިކަން ކުދިންނަށް ދައްކައިދީގެން ކުދިން ބޮޑުކުރުމަށް މައިންބަފައިން އިސްކަންދިނުމަށެވެ.
ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރުވެސް، އޯޓިޒަމް އާއި ސުލޫކީ އެކި މައްސަލަތަކަށް ހުށަހެޅޭ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމީ މުޅި މުޖުތަމަޢުއަށް ކުރިމަތިވެފައިވާ ބޮޑު ކަންބޮޑުވުމެކެވެ. ޚާއްޞަކޮށް ކުޑަކުދިން ސްކްރީންތަކަށް ދެވިހިފާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ޑރ. އާނަންދަމް ފަދަ ތަޖުރިބާކާރުންގެ މިފަދަ އިރުޝާދުތަކަށް ސަމާލުކަންދީ، ކުދިންގެ ދުޅަހެޔޮކަމާއި މުސްތަޤުބަލު ރައްކާތެރިކުރުމަށް މައިންބަފައިންނާއި ބެލެނިވެރިން ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.