ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހާ: ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައެއްގައި އޭނާ ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ/ ފުލުހުން

ރޭ މާލޭގައި ފުލުހުންގެ އަމުރާ ޚިލާފަށް ދުއްވަމުން ދިޔަ ސައިކަލަކުން ފުލުހެއްގެ ގައިގައި ޖެހުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ، އާދަމް ޒިދާން (23އ) އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ރޭ އޭނާ 1:20ހާއިރު ރަސްފަންނު ކައިރިން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން ފުލުހުންގެ ޗެކްޕޮއިންޓްއިން އޭނާ މަޑުކުރަން އިޝާރާތް ކުރި ކަމަށެވެ. ނަމަވެސް އޭނާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ސައިކަލު މަޑުނުކޮށް ދާން އުޅުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އަމުރާ ޚިލާފަށް ޒިދާން ސައިކަލުން ދާން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެހުނު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފުލުސް މީހާއަށް އަނިޔާއެއް ނުވާކަން ފުލުހުން ފާހަގަކުރިއެވެ.

އެ މައްސަލައިގައި ޒިދާންގެ ސައިކަލު ވަނީ ޓޯކޮށްފައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފާއިތުވި ދުވަސްތަކުގައި މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައިފައިވެއެެވެ. އެގޮތުން މި މަހުގެ ފުރަތަމަ ހަފުތާގައި މާލެ އާއި ހުޅުމާލޭގައި ހިނގި ދެ އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކުން ދެ ޒުވާނުން ނިޔާވެފައިވެއެވެ.

މި ސަރަހައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ފުލުހުން އަންނަނީ ޓްރެފިކް ބަލަހައްޓާ މިންވަރު އިތުރުކޮށް، ކުރިއަށް ވުރެ ބޮޑަށް ހަރަކާތްތެރިވަމުންނެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް ޓަކައި ހަރުކަށި ފިޔަވަޅުތައް އަޅައި ތަންފީޒު ކުރަން ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައެވެ.

comment ކޮމެންޓް