އިސްލާމިކް މިނިސްޓްރީގެ މަޝްރޫއުތަކަށް މިއަހަރު 50.7 މިލިއަން ރުފިޔާ ދޫކޮށްފި

މިނިސްޓްރީގެ ފައިސާގެ ދަށުން ކުރިއަށްދާ މިސްކިތެއް: އިސްލާމިކް މިނިސްޓްރީ ކުރިއަށް ގެންދާ މަޝްރޫއުތަކަށް މިއަހަރު 50.7 މިލިއަން ރުފިޔާ ދޫކޮށްފި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ އެކި ހިސާބުތަކުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުތަކަށް މިއަހަރުގެ މިހާތަނަށް 50.7 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އިސްލާމިކް މިނިސްޓްރީން ބުނީ، މިހާރު 25 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ.

އޭގެތެރޭގައި، 21 މިސްކިތާއި ދެ އިސްލާމިކް ސެންޓަރަކާއި އެއް ޤުރުއާން ސެންޓަރުގެ އިތުރުން ސެޓުލްމަންޓު އެއްބަސްވުމެއްގެ ދަށުން އެއް މިސްކިތުގެ މަސައްކަތް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި އިތުރު މަޝްރޫޢުތަކުގެ ދުވެލި އަވަސް ކުރުމަށް، މަސައްކަތްތައް ކުރިއަށް ގެންދާ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީގެ ފައިސާގެ ދަށުން ކުރިއަށްދާ މަޝްރޫއެއް: އިސްލާމިކް މިނިސްޓްރީ ކުރިއަށް ގެންދާ މަޝްރޫއުތަކަށް މިއަހަރު 50.7 މިލިއަން ރުފިޔާ ދޫކޮށްފި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މީގެއިތުރުން، މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ދެ މަޝްރޫއު ކަމަށްވާ، ހުޅުމާލޭގައި އިމާރަތްކުރާ ވަގުފު އިމާރާތްކަމަށްވާ ދާރުލް ސަލާމްގެ މަސައްކަތާއި މާލޭގައި އިމާރާތްކުރާ ދާރުލް އަރުޤަމްގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ، ދާރުލް ސަލާމްގެ ޑިޒައިނާއި ކުރެހުމުގެ މަސައްކަތް ނިންމައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިހާރު ހުޅުވައިލައިފައިވާ ކަމަށާއި ދާރުލް އަރުޤަމްގެ ކޮންސެޕްޓާއި ތަފުސީލީ ކުރެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް