ދިވެހިން ފާސްވާ ނިސްބަތް އަހަރަކަށްވުރެ އަހަރެއް ދަށަށް؛ މިނިސްޓަރުގެ ކަންބޮޑުވުން

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު 2022-2023 ގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވާހަކަދައްކަވަނީ: މިނިސްޓަރު ވަނީ ދިވެހި މާއްދާއިން ދަރިވަރުން ދަށްވާތީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ދިވެހި މާއްދާއިން ދަރިވަރުން އެއް އަހަރުން އަނެއް އަހަރު ދަށްވަމުންދާތީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު 2022-2023 ގައި ދަރިވަރުންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ, ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިލްމީގޮތުން ރާއްޖެ ތަރައްގީކުރުން ކަމަށެވެ. އެ ތަރައްގީ ނުގެނެސް ރާއްޖެ ކުރިއަރައި ނުދާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ, އޯލެވެލްއާއި އޭލެވެލްއިން ދަރިވަރުން ފާސްވާން ބޭނުންވާނަމަ ޕްރައިމަރީ ގްރޭޑްތަކުން ފަށައިގެން ވެސް ކިޔެވުމަށް ސަމާލުކަންދީ، ދަރިވަރުންގެ ނަތީޖާ ވަކިވަކި މާއްދާތަކުން ރަނގަޅުކުރަންޖެހޭ ކަމަށެވެ.

އެ ވާހަކަ ފާހަގަކުރައްވާ މިނިސްޓަރު ވަނީ ފާއިތުވީ އަހަރުތަކުގައި ބައެއް ޕްރައިމަރީ ގްރޭޑްތަކުގެ ފާސް އިންސައްތަ ހިއްސާކުރައްވާފައެވެ. އެގޮތުން, ދިވެހި މާއްދާއިން އެއް އަހަރުން އަނެއް އަހަރަށް ދަރިވަރުން ދަށްވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު 2022-2023 ގެ ތެރެއިން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އެގޮތުން، ގްރޭޑް ތިނެއްގެ ދިވެހި މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 40 އިންސައްތައަށްވުރެ ދަށްވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، ގްރޭޑް ހައެއްގައި ވެސް ދިވެހި މާއްދާގެ ފާސް އިންސައްތަ ހުރީ 50 އިންސައްތައަށް ވުރެ ދަށުގައިކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އެގޮތަށް އެކަން ވަނީ ޕްރައިމަރީ ގްރޭޑްތަކަށް މާ ބޮޑު އަހަންމިއްޔަތުކަން މީގެ ކުރިން ދީފައިނުވުމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސެކެންޑްރީ ގްރޭޑްތަކަށްވުރެ ޕްރައިމަރީ ގްރޭޑްތަކަށް ނިސްބަތުން ފައިސާ ޚަރަދުކުރެވޭ މިންވަރު ވެސް މަދު. ޒަމާނުއްސުރެން ޕްރައިމަރީ ގްރޭޑުތަކަށް ދެވިފައި އޮތް އަހަމިއްޔަތުކަން ވެސް ކުޑަވެފައި އޮތީ. އަޅުގަނޑު އަރުވަން ބޭނުންވާ ޔަގީންކަމަކީ ޕްރައިމަރީ ގްރޭޑުން ފާސްވާ ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރާނެކަން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު

ޝަފީއު ވިދާޅުވީ، އިލްމީ ދިރާސާތަކަށް ބަލާލާއިރު ވެސް ދަރިވަރުންގެ ބަސްތަކުން ޕްރައިމަރީ ނަތީޖާ ރަނގަޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި, ސެކަންޑަރީ ގްރޭޑްތަކުގައި ރަނގަޅު ނަތީޖާ ލިބޭ 95 އިންސައްތަ ދަރިވަރުންނަކީ ޕްރައިމަރީ ގްރޭޑްތަކުގައި އެ ނަތީޖާ ރަނގަޅު ދަރިވަރުން ކަމަށް ވެސް ވިދާޅުވިއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު 2022-2023 ގެ ތެރެއިން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އެގޮތުން, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން، ޕްރައިމަރީ ގްރޭޑުތަކުގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި، ކެބިނެޓު މިނިސްޓަރުންގެ އިތުރުން ތައުލީމީ ދާއިރާގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ދިވެހިބަސް ކުރިއަރުވައި ދިވެހި ގައުމިއްޔަތަށް ދަރިވަރުންގެ ހިތްތަކުގައި ލޯތްބާއި ޝައުގުވެރިކަން އުފެއްދެވުމަކީ މި ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާނެ ކަމެއް ކަމަށް މީގެ ކުރިން ވެސް ރައީސް މުއިއްޒު ވިދާޅުވެފަވެއެވެ.

comment ކޮމެންޓް