ހާލުގައި ޖެއްސި ކަމަށް އާއިލާއިން ބުނި ބަލި މީހާއަށް ދައުލަތުން 1.5 މިލިއަން ރުފިޔާ ހަރަދުކުރި

އާސަންދަ ކައުންޓަރު: ބަލިމީހާއަށް އާސަންދަ ކަނޑާލާފައެއް ނުވާނެ ކަމަށް އެ ކުންފުނިން ބުނި -- ފޮޓޯ: އާސަންދަ

އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓާ ސީއެމްއައި ހޮސްޕިޓަލުން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލާ އާއިލާއެއް ހާލުގައި ޖައްސައިފި ކަމަށް ސޯޝަލްމީޑިއާގައި ދައުރުވަމުންދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި އެ ބަލިމީހާއަށް ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ހަމަޖައްސާދީފައި ވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

މި ފަހުން ސޯޝަލް މީޑިއާގައި މީހަކު ވަނީ އޭނާގެ މަންމައަށް އާސަންދަ ކަނޑާލައި، ހާލުގައި ޖައްސާފައިވާ ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ. އަދި އާއްމުންގެ އެހީއަށް އެދި އެކައުންޓް ނަމްބަރުތައް ވަނީ ޕޯސްޓްގައި ޖަހައިފައެވެ.

އެކަމާ ގުޅިގެން އާސަންދައިން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 65 އަހަރުގެ ބަލިމީހާއަކީ އެއާ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ އަރަބިއާގެ ޖިއްދާއިން އިންޑިއާއަށް، ޒަކާތު ފަންޑުގެ އެހީގައި ގެންދިޔަ މީހެއް ކަމަށެވެ. އެ މީހާއަކީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީއަށް ފަރުވާދެމުންދާ މީހެކެވެ.

އެގޮތުން އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ފަރާތަށް ހަމަޖައްސައިދީފައިވާ ކަމަށް އާސަންދައިން ބުންޏެވެ.

އާސަންދައިން ބުނީ އިންޓެންސިވް ރިހެބިލިޓޭޝަން (ފިޒިކަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ސްވޮލޯވިން ތެރަޕީ އަދި ހައިޕާބަރިކް އޮކްސިޖަން ތެރަޕީ) އަށް އެޑްމިޓް ކުރުމަށް އެސްޓާ ސީއެމްއައިއިން އާސަންދައަށް ރިކުއެސްޓް ފޮނުވާފައިވަނީ މާޗު މަހުގެ 14ގައި ކަމަށެވެ.

ބަލިމީހާގެ ހާލަތު ފުރިހަމައަށް އިވެލުއޭޓްކުރުމަށްފަހު، މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ހޭދަވި މުއްދަތުގައި ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އާސަންދައިން އެޕްރޫވަލް ދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއާ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓާ ސަޕޯޓާއެކު ބަލިމީހާ އަނބުރާ ގެނައުމަށް މިދިޔަ މަހުގެ 14 ގައި އާއިލާއާއެކު ވާހަކަ ދައްކާފައި ވާނެ ކަމަށް ވެސް އާސަންދައިން ބުންޏެވެ.

ރާއްޖޭގައި އަލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަންތައް ހުރިކަމާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް ކިޔައިދީ، ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާ ޕްލޭނަކާއެކު ތިން ދުވަހުގެ ތެރޭގައި ބަލިމީހާ އަނބުރާ ރާއްޖެއަށް ބަދަލުކުރުމާ ގުޅޭގޮތުން ވެސް ވަނީ އާއިލާއާ ވާހަކަދައްކާފަ، އާސަންދަ

ހަމައެއާއެކު މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހޮސްޕިޓަލުގެ ފަރުވާއަށް ހިނގާފައިވާ ޚަރަދު ތަކުގެ ފައިނަލް ބިލު ވެސް އާސަންދައިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބިލަށް ޖުމްލަ އަރާފައިވަނީ 89،339.91 އެމެރިކާ ޑޮލަރެވެ.

އެ ކުންފުނިން ބުނީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖްތައް އުނިކުރުމަށްފަހު އާސަންދައިން 85،989.15 ޑޮލަރު ބަލިމީހާގެ ބިލުން ހަމަޖައްސައިދީ، އެޕްރޫވް ކޮށްފައިވާނެ ކަމަށެވެ.

comment ކޮމެންޓް