އިތުރު ޝަރުތަކާނުލައި ހަނގުރާމަ ހުއްޓާލަން ޣައްޒާއިން އެއްބަސް

އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި ޣައްޒާގެ އާންމުން ބޯހިޔާވަހިކަން ހޯދާ ޓެންޓުތައް --- ފޮޓޯ/ރޮއިޓާސް

އިތުރު އާ ޝަރުތެއް ނެތި، އެމެރިކާއިން ކުރިން ހުށަހެޅި ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވުން ހަދަން ތައްޔާރަށް އޮތް ކަމަށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޖަމާއަތުގެ އިސް އޮފިޝަލް ޚަލީލް އަލް ހައްޔާ އިސްކޮށް ހުންނަވައިގެން، ގަތަރުގެ ބޮޑު ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް ޘާނީއާއި މިސްރުގެ ޖާސޫސީ ވެރިތާ އައްބާސް ކަމަލް ހިމެނޭ ގޮތަށް ހަނގުރާމަ ހުއްޓައިލުމާ ބެހޭ މަޝްވަރާތަކުގެ މެދުވެރިންނާއި ހަމާސްގެ ޓީމުން ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި މަޝްވަރާތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދާފައިވާ ކަމަށް ހަމާސްއިން ބުނެއެވެ.

ގަތަރާއި މިސްރު އަދި އެމެރިކާ މެދުވެރިވެގެން މިދިޔަ މަހު އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި ހަމާސްއިން ބައިވެރިވެފައެއްނުވެއެވެ.

އެގާރަ މަސް ދުވަހަށް ދިގުދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓައިލުމަށް ކުރާ މަޝްވަރާތަކަށް މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއްނުވެއެވެ. އިސްރާއީލާ އެކު އެއްބަސްވުމަކަށް ނާދެވި އޮތް ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޣައްޒާއާއި މިސްރު ގުޅޭ ސަރަހައްދީ ރޮނގުގައި އޮންނަ ހަނި ބިމެއް ކަމަށްވާ ފިލަޑެލްފީ ކޯރިޑޯގެ ކޮންޓްރޯލް ހިމެނެއެވެ.

ޣައްޒާއާ ގުޅޭ ގޮތުން އެމެރިކާގެ ޗީފް ނެގޯޝިއޭޓަރުގެ މަގާމު ވެސް އަދާކުރައްވާ ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް ހޮނިހިރު ދުވަހު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ހަނގުރާމަ ހުއްޓާލުމުގެ އިތުރު ތަފުސީލީ ހުށަހެޅުމެއް ހުށަހަޅާނެ ކަމަށެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން ޖޫން މަހު ހުށަހެޅުއްވި ހުށަހެޅުމުގައި އިސްރާއީލުގެ ރަހީނުން ދޫކޮށްލުމުގެ ބަދަލުގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅުއްވައިފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 41،084 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު ވަނީ 95،029 އަށް އަރައިފައެވެ.

comment ކޮމެންޓް