މެޓް އޮފީސްތައް ތަރައްގީކޮށް، މާފަރުގައި މުޅިން އަލަށް މެޓް އޮފީހެއް އަޅަނީ

މެޓްގެ އޮފީސްތައް ތަރައްގީކޮށް، ނ. މާފަރުގައި މުޅީން އަލަށް މެޓް އޮފީހެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އެކްސް

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)ގެ އޮފީސްތައް ތަރައްގީކޮށް، ނ. މާފަރުގައި މުޅިން އަލަށް މެޓް އޮފީހެއް އެޅުމަށް އެންވަޔަމެންޓް މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ އަދ.ގެ އެންވަޔަމަންޓް ޕްރޮގްރާމު މެދުވެރިވެެގެން ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ (އެސްއޯއެފްއެފް)އާއެކު ވީ އެއްބަސްވުމެކެވެ.

އެންވަޔަމަންޓް މިިސްޓަރު ތޯރިޤު އިބްރާހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްއޯއެފްއެފްއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މެޓް އޮފީހުގެ ވެދާ އޮބްޒަވޭޝަން ނެޓްވޯކު، އަޕްގްރޭޑު ކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން ހުޅުލެ، ހދ. ހަނދިމާދޫ، ގދ. ކައްދޫ އަދި އައްޑޫ ސިޓީ ގަން އެއާޕޯޓުގައި ހުރި މެޓް އޮފީހުގެ ވަސީލަތްތައް އަޕްގްރޭޑް ކުރެވޭނެ ކަމަށް މިނިސްޓަރު ލިޔުއްވާފައި ވެއެވެ. އަދި، ނ. މާފަރު އެއާޕޯޓުގައި ފުރިހަމަ ވަސީލަތްތަކާއެކު މެޓުގެ އޮފީހެއް އެޅުމަށް ހަމަޖެހިފައިވާ ކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމަކަށްވުމުން، ގުދުރަތީ ބޮޑެތި ކާރިސާތައް ދިމާވާ ދަނޑިވަޅުތަކުގައި، އެ ދަތިތަކުން އަރައިގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން މެޓުން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް