ހުއްދަ ނެތި މެންހެޓަން ބިޒްނަސް ހޮޓެލްގެ ރޫމަކަށް ވަދެ މީހަކަށް އަނިޔާކޮށް، ހަމަނުޖެހުން ހިންގި ބަޔަކު ކްރިމިނަލް ކޯޓުން އިއްޔެ ޖޫރިމަނާކޮށްފިއެވެ.
މި މައްސަކައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު މެންދުރު 01:15 ހާއިރު، ހަތަރު މީހަކު މެންހެޓަން ބިޒްނަސް ހޮޓެލްގެ ރޫމަކަށް ހުއްދަނެތި ވަދެފައިވާ ކަމަށެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ދައުވާ ކުރީ، ސ. ހުޅުދޫ، ހެޕީވާޑް އަޙްމަދު ލައްމާހު ނިޒާމާއި، ދަފްތަރު ނަންބަރު 1682، އަޙްމަދު ޝައްފާން ސައީދާއި، މާލެ ހ. ފެންވެހި މުޙައްމަދު ރިފާސްގެ އިތުރުން ލ. ގަން-ތުނޑި، އުރަހަ، އިބްރާހީމް ޔުނައިސްގެ މައްޗަށެވެ.
މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިއުތިރާފުވެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އެއްބަސްވުން ހަދައިފައެވެ.
މި މައްސަލައިގައި ހިމެނޭ ލައްމާހުގެ މައްޗަށް ދައުވާކޮށްފައިވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމާއި، މުދަލަށް ގެއްލުންދިނުމާއި، މީހެއްގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
އެ ގޮތުން ހުއްދަ ނެތި އެހެން މީހެއްގެ ބެލުމުގެ ދަށުގައިހުރި މެންހެޓަން ބިޒްނަސް ހޮޓެލްގެ ރޫމަކަށް ވަދެ، އެ މީހާގެ ލޯމަތީގައި ޖަހައި، އޭނާ އަޅައިގެންހުރި އައިނު ހަލާކުކޮށްލައިފައިވާ ކަމަށް އޭނާގެ މައްޗަށްކޮށްފައިވާ ދައުވާގައި ބުނެފައިވެއެވެ.
މީގެ ތެރެއިން މީހެއްގެ މައްޗަށް ގެއްލުން ދިނުމުގެ ކުށުގައި އޭނާގެ މައްޗަށް ކަނޑައަޅާފައިވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ. އެހެން ނަމަވެސް މި މައްސަލައިގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ޖަލު އަބަދުން އުނިކޮށް، އަދި ޕީޖީއާ އެކު ހަދާފައިވާ އެއްބަސްވުމަށް ރިއާޔަތްކޮށް، ޖަލު އަދަބުވަނީ ޖޫރިމަނާގެ އަދަބަށް ބަދަލުކޮށްފައެވެ. އެ ގޮތުން މީހަކަށް ގެއްލުން ދިނުމުގެ ކުށުގައި 2،400 ރުފިޔާއިން ޖޫރިމަނާކޮށް، ތިން މަސްދުވަހުގެ ތެރޭގައި މީރާއަށް އެ ފައިސާ ދައްކައި ޚަލާސްކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.
އަދި މުދަލަށް ގެއްލުންދިނުމުގެ ކުށުގައި އޭނާގެ މައްޗަށް ކަނޑައަޅާފައިވަނީ 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެހެން ނަމަވެސް ޖަލު އަދަބު ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް، 1،800 ރުފިޔާ ތިން މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން ހުއްދަނޫން ތަނަކަށް އެނގިހުރެ ވަތްކަމުގެ ކުށުގައި ލައްމާހުގެ މައްޗަށް ކަނޑައަޅާފައިވަނީ ހަތަރު ދުވަހުގެ ޖަލު އަދަބެކެވެ. ޖަލު އަދަބު ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް، އޭނާގެ މައްޗަށް ހުކުމްކޮށްފައިވަނީ 800 ރުފިޔާ ތިން މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށެވެ.
މި މައްސަލައިގައި ހިމެނޭ ޔުނައިސްގެ މައްޗަށް ދައުވާކޮށްފައިވަނީ މީހަކަށް އަނިޔާއެއް ލިބިދާނެފަދަ ކުށެއްކޮށްފާނެ ކަމުގެ ބިރު ދެއްކުމާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް ހުކުމްކޮށްފައިވަނީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށެވެ. އެހެން ނަމަވެސް މި މައްސަލައިގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ޖަލު އަދަބުން އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހެނީ 12 ދުވަހުގެ ޖަލު އަދަބެކެވެ. އެހެން ކަމުން އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު އަބަދު ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް، 2،400 ރުފިޔާ ތިން މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި ޔުނައިސްގެ މައްޗަށް ހުކުމްކޮށްފައިވަނީ ނުވަ ދުވަހުގެ ޖަލު އަދަބެކެވެ. ޖަލު އަދަބު ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް، އޭނާގެ މައްޗަށް ހުކުމްކުރީ 1،800 ރުފިޔާ ތިން މަސް ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ ޝައްފާނާއި ރިފާސްގެ މައްޗަށް ކަނޑައަޅާފައިވަނީ 18 ދުވަހުގެ ޖަލު އަދަބެކެވެ. އެހެން ނަމަވެސް އެ ދެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު ޖަލު އަދަބުން އުނިކުރުމާއެކު، އަދަބު ތަންފީޒުކޮށް ނިމިފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
މިފަދަ މައްސަލަތައް މިހާރު ވެސް ދޭތެރެއަކުން ހިނގައެވެ.