ދިރާގުން އެންމެ ފަހުން ބޭއްވި އީސްޕޯޓްސް އިވެންޓް ކަމުގައިވާ ދިރާގު އީއޭއެފްސީ މިނި ސީރީސް ޓޫ ޑުއޯސް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 'ދަ ލޮޖް' ޓީމުންނެވެ.
އީއޭއެފްސީ މިނީ ސީރީސް ޓޫ ޑުއޯސް މުބާރާތް ބާއްވާފައި ވަނީ ދެ ދުވަހުގެ މުއްދަތަށް ދިރާގުގެ ހެޑް އޮފީހުގައި ފިޒިކަލް އިވެންޓެއްގެ ގޮތުގައެވެ. މި މުބާރާތުގެ މެޗުތައް ސަޕޯޓަރުންނާއި އާންމުންނަށް ވެސް ލައިވްކޮށް ބެލުމުގެ ފުރުސަތު ދިރާގުން ފަހިކޮށްދިނެވެ.
މި މުބާރާތުގައި ދެ ކުޅުންތެރިން ހިމެނޭހެން 120 ޓީމު ބައިވެރިވެ، ދިވެހި ގޭމިން ކޮމިއުނިޓީގައި ހުރި ހުނަރާއި ޝައުގުވެރިކަން ވަނީ ދައްކުވައިދީފައެވެ.
ވާދަވެރި ގިނަ ރައުންޑްތަކަކަށް ފަހު، 'ދަ ލޮޖް' ޓީމު އެއްވަނަ ހޯދިއެވެ. ދެވަނަ ހޯދާފައި ވަނީ 'މޯލްޑިވްސް ޔުނިފައިޑް ގޭމިން' ޓީމެވެ. ތިންވަނަ އަދި ހަތަރުވަނަ ހޯދީ 'އިމިއުނިޓީ އެފްސީ' އަދި 'ބްލެކް އެން ވައިޓް' ޓީމުންނެވެ. މި މިނީ ސީރީސް މުބާރާތުގެ ޖުމްލަ އިނާމުގެ ގޮތުގައި 15,000 ރުފިޔާ ދިރާގުން ދިނެވެ.
ދިރާގުގެ އީއޭއެފްސީ މިނީ ސީރީސްއަކީ ދިވެހިރާއްޖޭގެ އީސްޕޯޓްސް މަޝްރަހު ކުރިއެރުވުމުގައި މުހިންމު ދައައުރެއް އަދާކުރާ މުބާރާތެކެވެ. މި މުބާރާތްތަކުން ގޭމަރުންނަށް އެމީހުންގެ ހުނަރުނަރު ދައްކާލުމާއި އެންމެ މަތީ ފެންވަރެއްގައި ވާދަކުރުމުގެ ފުރުސަތު ލިބެއެވެ. އަދި ވާދަވެރި ނަމަވެސް އެއްބާރުލުން ދޭ މާހައުލެއް އުފެދި، ރާއްޖޭގެ އީސްޕޯޓްސްގެ ފެންވަރު މަތިވެގެން ދާކަމަށް ދިރާގުން ވަނީ ބުނެފައެވެ.
މި ފަހަކަށް އައިސް، ދިރާގުން ވަނީ އެ ކުންފުނީގެ އައު "ދިރާގު ގޭމާސް ގިލްޑް" (ޑީޖީޖީ) ތަޢާރަފުކޮށްފައެވެ. މިއީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކަށް ޚާއްޞަކޮށްގެން، އެއް ތަނަކުން ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ހަދާފައިވާ ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމުގައި ގޭމް ކުޅޭ ފަރާތްތަކުގެ ބޭނުންތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ގިނަ ޚިދުމަތްތަކަކާއި ފީޗާތަކެއް ހިމެނެއެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް، ގޭމް ކުޅޭ ފަރާތްތަކަށް ދިރާގުން ބާއްވާ އެކި އީސްޕޯޓްސް މުބާރާތްތަކުގައި ފަސޭހަކަމާއެކު ރަޖިސްޓާވެ، މި ދާއިރާގެ އެންމެ ފަހުގެ ޚަބަރުތަކާއި ޚާއްސަ އޮފާތަކުގެ މައުލޫމާތު ލިބިގަނެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ރާއްޖޭގައި އީސްޕޯޓްސް ކުރިއެރުވުމަށާއި، ގޭމިން ކޮމިއުނިޓީއާ ގުޅިގެން އީސްޕޯޓްސްގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅާފައި ވާކަމަށް ދިރާގުން ވަނީ ބުނެފައެވެ.