އދ.ގެ ހައްގުތަކާ ބެހޭ މަޖިލީހުގައި ފަލަސްތީނާ ގުޅޭގޮތުން ރާއްޖެއިން ތަގުރީރެއް ދެނީ

ސްވިޒަލޭންޑުގެ ޖެނިވާގައި މިއަދު ފެށި އދ. އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަންގައި ރާއްޖޭން ބައިވެރިވަނީ: އެ ސެޝަންގައި ރާއްޖޭން ތަފާތު ދާއިރާތަކަށް ތަގުރީރު ދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނޭ ---- ފޮޓޯ/ ފޮރިން މިނިސްޓްރީ

ސްވިޒަލޭންޑުގެ ޖެނިވާގައި މިއަދު ފެށި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެ، ފަލަސްތީނާ ގުޅޭ ގޮތުން ތަގުރީރެއް ދޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިންސާނީ ހައްގުތަކާބެހޭ މަޖިލީހުން މި ސެޝަންގައި ޖުމްލަ 30 އިންޓަރެކްޓިވް ޑައިލޮގް ބާއްވާނެ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުން އެޖެންޑާގެ ބައެއް އައިޓަމްތަކުގައި ތަގުރީރު ދިނުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖެއިން ތަގުރީރު ދޭ އައިޓަމްތަކާއި ދާއިރާތައް:

  • ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅުވައި އދ.އިން ކުރިއަށް ގެންދާ އެނަލިޓިކަލް ސްޓަޑީއާ ގުޅިގެން ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ޖޮއިންޓް ސްޓޭޓްމަންޓެއް ދިނުން
  • މިޔަންމާގެ ސްޕެޝަލް ރެޕަޓުއާއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ތަގުރީރެއް ދިނުން
  • ފަލަސްޠީނަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާއަށް އަލިއަޅުވާލައި ބާއްވާ އައިޓަމްތަކުގައި ތަގުރީރު ދިނުން

މި ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

އެ ވަފުދުގައި ދެން ހިމެނިވަޑައިގަންނަވާނީ ކައުންސެލާ އާދަމް ޙާމިދާއި ކައުންސެލާ އާމިނަތު ޝިފާޔާ އިބްރާހީމާއި ސެކަންޑް ސެކްރެޓަރީ މަރިޔަމް ފާތިކާ ފަޔާޟާއި ތާޑް ސެކްރެޓަރީ އާމިނަތު ޝަދާ އިބްރާހިމް އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދެވެ.

މީގެ އިތުރުން، އިންސާނީ ޙައްގުތަކުގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ޚާއްސަ ދެ އިންޓަރެކްޓިވް ޑައިލޮގްގެ އިތުރުން ހަ ޕެނަލް ޑިސްކަޝަނެއް ވެސް މި ސެޝަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނައިރު، ރާއްޖެ އޮތީ ފަލަސްތީނާއެކުކަން ސާބިތުކޮށްދިނުމުގެ ގޮތުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ފަށައިފައިވެއެވެ. އެގޮތުން އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވެއެވެ. ނަމަވެސް އެ ބިލު އޮތީ ކޮމިޓީ މަރުހަލާގައި ހުއްޓިފައެވެ.

އެ ބިލުގެ މަސައްކަތް ކުރިއަށް ނުދާތީ ސަރުކާރަށާއި މަޖިލީހަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

comment ކޮމެންޓް