މިދިޔަ މަހު އިހަވަންދިއްޕޮޅުގައި ފަށަން އޮތް ނަމަވެސް ލަސްވެފައިވާ މެރިޓައިމް އަދި އޮފް-ޕޯޓް ލިމިޓު (އޯޕީއެލް)ގެ ޚިދުމަތް ދިނުމަށް އެމްޕީއެލްއާއި އެސްޓީއޯއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، މުޙައްމަދު ވަޖީހު އިބްރާހީމެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، ޝިމާދު އިބްރާހީމެވެ.
ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މި ޚިދުމަތް ފޯރުކޮށްދޭނީ އެމްޕީއެލް އަދި އެސްޓީއޯ ގުޅިގެންނެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތްދޭއިރު، އެމްޕީއެލުން ދޭނީ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ޚިދުމަތެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ދެ ކުންފުނި ގުޅިގެން ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެއެވެ.
ރާއްޖޭގެ އުތުރުގެ ސަރަހައްދަކީ މުހިންމު މެރިޓައިމް ރޫޓެއްކަން ފާހަގަކުރައްވައި، އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވީ އަންނަ މަހު އެ ޚިދުމަތް ފަށާއިރު، ބޭނުންކުރާނީ ދެ ބާޖު ކަމަށެވެ. އެއިން ކޮންމެ ބާޖެއްގައި 4،000 ޓަނުގެ ތެޔޮ އުފުލޭނެ ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ފުރަތަމަ ނިންމީ މިދިޔަ ޖުލައިމަހުގެ ތެރޭގައި އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށެވެ. ބަންކަރިންގެ ޚިދުމަތް ފެށުމަށް ޓަކައި މި މަހުގެ ދެވަނަ ދުވަހު، ޕައިލެޓް ބޯޓާއި ޓަގުބޯޓެއް ރާއްޖެ ގެނައެވެ.
ބަންކަރިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ހއ. އިހަވަންދޫގައި ޔޮޓް މެރީނާއެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ވެސް އޮތީ އިއުލާން ކޮށްފައެވެ.
ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު، އިގުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ އުތުރުގައި 300 އާއި 450އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރު ކުރަމުންދާ ކަމަށެވެ. އެ ބޯޓުފަހަރުތަކުގެ އެއް ޕަސެންޓަށް ބަންކަރިންގެ ޚިދުމަތް ދިނަސް، ޚިދުމަތް ފަށާ ފުރަތަމަ އަހަރު ރާއްޖޭގެ ޖީޑީޕީ 400 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައިއޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.