ބަންކަރިންގެ ޚިދުމަތް ފެށުމަށް ޕައިލެޓް ބޯޓާއި ޓަގުބޯޓެއް ރާއްޖެ ގެނެސްފި

ބަންކަރިންގެ ޚިދުމަތަަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގު ބޯޓުވަނީ ރާއްޖެ ގެނެސްފައި -- ފޮޓޯ/ އެމްޕީއެލް

ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި ޕައިލެޓް ބޯޓާއި ޓަގުބޯޓެއް ރާއްޖެ ގެނެސްފިއެވެ.

އިއްޔެ މި ދެ ބޯޓު ހދ. ކުޅުދުއްފުށީ ޕޯޓަށް ގެންގޮސްފައި ވާއިރު، ވަނީ ވޯޓާ ސެލިއުޓެއް ވެސް ދީފައެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ހއ. އިހަވަންދޫގައި ޔޮޓް މެރީނާއެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ވެސް މިހާރު އޮތީ އިއުލާން ކޮށްފައެވެ.

ސަރުކާރުން އަމާޒުހިފާފައި ވަނީ މި މަހުގެ ތެރޭގައި ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށެވެ.

ބަންކަރިންގެ ޚިދުމަތަށް ގެނައި ޕައިލެޓްއ ބޯޓު -- ފޮޓޯ/ އެމްޕީއެލް

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމާ އެކު، އިގުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. ސައީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ އުތުރުގައި 300 އާއި 450އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރު ކުރަމުންދާ ކަމަށެވެ. އެ ބޯޓުފަހަރުތަކުގެ އެއް ޕަސެންޓަށް ބަންކަރިންގެ ޚިދުމަތް ދިނަސް، ޚިދުމަތް ފަށާ ފުރަތަމަ އަހަރު ރާއްޖޭގެ ޖީޑީޕީ 400 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ބަންކަރިންގެ ޚިދުމަތަށް ގެނައި ޓަގު ބޯޓު -- ފޮޓޯ/ އެމްޕީއެލް

ސައީދު ވިދާޅުވި ގޮތުގައި މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭނުންވާ ދެ ޓޭންކަރު ވެސް ވަނީ ގަނެފައެވެ. އަދި އެމްއެންޑީއެފްއާ ގުޅިގެން ޗާޓުތައް އަޕްޑޭޓު ކުރުމުގެ މަސައްކަތް ވެސް ކުރަމުން ދާކަމަށް ވިދާޅުވެފައިވެއެވެ.

ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައިއޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިން މަޝްރޫއެއް ފެށުމަށް އެސްޓީއޯއާއި ވިޓޯލް ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މާޗުމަހުގެ 13ވަނަ ދުވަހުއެވެ.

ވިޓޯލްއަކީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

comment ކޮމެންޓް