ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޮން މަސްކު ވެދާނެ: ރިޕޯޓު

މަހުޖަނު އީލޮން މަސްކު. ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރަކަށް 2027 ވަނަ އަހަރު މަސްކު ވެދާނެ ކަމަށް ރިޕޯޓުތައް ބުނޭ. ފޮޓޯ/ރޮއިޓާސް

ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރަކަށް 2027 ވަނަ އަހަރު, މަހުޖަނު އީލޮން މަސްކު ވެދާނެ ކަމަށް ދުނިޔޭގެ މުއްސަނދިން ދިރާސާކުރާ ކުރާ ގްރޫޕަކުން އާންމުކުރި ރިޕޯޓެއްގައި ބުނެފިއެވެ.

އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާ އާއި އަމިއްލަ ރޮކެޓް ކުންފުނި ސްޕޭސްއެކްސް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (ކުރިން ޓްވިޓާ) ގެ ވެރިޔާއާ ބެހޭ ގޮތުން އިންފޯމާ ކަނެކްޓް އެކަޑަމީން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި މަސްކުގެ މުއްސަނދިކަން އަހަރަކު އެވްރެޖްކޮށް 110 އިންސައްތައަށް ކުރިއަރައެވެ.

ބްލޫމް ބާގް ބިލިއަނާ އިންޑެކްސް އިން ދައްކާ ގޮތުގައި މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހަކީ ވެސް މަސްކެވެ. އޭނާގެ މިލްކިއްޔާތުގައި 195 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.

ޓްރިލިއަނަރެއްގެ މަގާމު ލިބޭނީ އެމީހެއްގެ މިލްކިއްޔާތުގައި އެއް ޓްރިލިއަން ނުވަތަ އެއާ އެއްވަރުގެ އަދަދެއް ހުރިނަމައެވެ.

ދުނިޔޭގައި މިހާތަނަށް އަދި އެއްވެސް މީހަކު ބިލިއަނަރަކުން ޓްރިލިއަނަރެއްގެ ދަރަޖައަށް އުފުލިފައެއް ނުވެއެވެ. ނަމަވެސް ޓްރިލިއަނަކަށްވުމުގެ ފުރުސަތު ބޮޑު ބޭފުޅުން އެބަތިއްބެވެ. ތިރީގައި މިވަނީ އީލޮން މަސްކް ގެ އިތުރުން ކައިރި މުސްތަގުބަލެއްގައި ޓްރިލިއަރުންނަށް ވެދާނެ ކަމަށް ދުނިޔޭގެ މުއްސަނދިކަން ދިރާސާކުރާ ކުރާ ގްރޫޕުތަކުން ލަފާކުރާ މީހުންނެވެ:

ގޯތަމް އަދާނީ:

އިންޑިއާގެ އަދާނީ ގްރޫޕްގެ ވެރިޔާ ގޯތަމް އަދާނީ އަކީ ޓްރިލިއަނަރުގެ މަގާމު ހޯދާ ދެވަނަ މީހާއަށް ވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް 2028ވަނަ އަހަރު އެ މަގާމު ލިބޭނީ މުއްސަނދިކަން އަހަރަކު އެވްރެޖްކޮށް 123 އިންސައްތައިގައި ދެމިއޮންނަނަމައެވެ.

އިންޑިއާގައި ހެޑް އޮފީސް ހުންނަ އަދާނީ ގްރޫޕަކީ ދުނިޔޭގެ ފެންވަރުގައި އެކި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ކަރަންޓް އުފެއްދުން، ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝަން، ބަނދަރުތަކާއި ޓާމިނަލްތައް، ދަނޑުވެރިކަމާއި އާންމު ލޮޖިސްޓިކްސް، އިންޑަސްޓްރިއަލް ޕާކްތައް ޑިފެންސް އަދި އެއަރޮސްޕޭސް އިންކިއުބޭޝަން،އެއާޕޯޓް މެނޭޖްމަންޓް، ފެން ސާފުކުރުން،މަގުތަކާއި ރޭލް ނެޓްވޯކްތައް ،ޑޭޓާ ސެންޓަރުތައް، ދަނޑުވެރިކަން ކާބޯތަކެތި އުފެއްދުން އަދި ރިއަލް އެސްޓޭޓް ހިމެނެއެވެ.

ގޯތަމްގެ މިލިކިއްޔާތުގައި މިވަގުތު 84 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ޖެންސަން ހޫއެންގް:

ޓްރިލިއަން ޑޮލަރުގެ ކުންފުނި އެންވީޑިއާގެ އެއް ބާނީ އަދި އެންވީޑިއާގެ ސީއީއޯގެ މަގާމު އަދާކުރި ހަމައެކަނި މީހާ ޖެންސެން ހޫއަންގް ވެސް 2028 ވަނަ އަހަރު ޓްރިލިއަނަރަކަށް ވާނެ ކަމަށް ބެލެވެއެވެ. އޭނާގެ މުއްސަނދިކަން އަހަރަކު އެވްރެޖްކޮށް 118.88 އިންސައްތައަށް އަރައިފައިވާ ކަމަށް އެ ރިޕޯޓާ ހަވާލާދީ ދަ ގާޑިއަން އިން ބުނެފައިވެއެވެ.

ޕްރަޖޯގޯ ޕަންގޭސްޓޫ:

ޕްރަޖޯގޯ ޕަންގޭސްޓޫއަކީ 1970ވަނަ އަހަރު ލަކުޑީގެ ވިޔަފާރި ފެށި މީހެކެވެ. ލަކުޑި ވިޔަފާރި ފުޅާކުރީ އިންޑޮނޭޝިއާގައި ހުންނަ ކޮންގްލޯމެރޭޓް ބާރިޓޯ ޕެސިފިކް އަށެވެ. ޕެޓްރޯކެމިކަލް ކުންފުންޏެއް ކަމަށްވާ ޗަންދްރާ އަސަރީގެ 70 އިންސައްތަ ހިއްސާ 2007 ވަނަ އަހަރު އޭނާގެ ކުންފުނިން ވަނީ ގަނެފައެވެ. ޕްރަޖޯގޯ ޕަންޖެސްޓޫގެ މިލްކިއްޔާތުގައި 43.4 ބިލިއަން އެބަހުއްޓެވެ. އޭނާގެ މުއްސަނދިކަން އަހަރަކު އެވްރެޖްކޮށް 135.95 އިންސައްތައަށް އިތުރުވެއެވެ. ދެހާސް އަށާވީސް ވަނަ އަހަރުގެ ނިޔަލަށް އޭނާގެ މިލްކިއްޔާތު އެއް ޓްރިލިއަނަށްވުރެ އިތުރުވާނެ ކަމަށް މުއްސަނދިކަން ދިރާސާކުރާ ކުރާ ގްރޫޕުތަކުން ލަފާކުރެއެވެ.

ބާނާޑް އާނަލްޓް:

ބާނާޑް އާނަލްޓް އަކީ މަޝްހޫރު ފެޝަން ބްރޭންޑު އެލްވީއެމްއެޗް ނުވަތަ މޮއެޓް ހެނެސީ ލޫ އީވަޓޮންގެ ބާނީއެވެ. މަޝްހޫރު ބްރޭންޑުތައް ކަމަށްވާ ގަހަނާ ބްރޭންޑް ޓިފަނީ ، ފްރެންޗް ފެޝަން ހައުސް، ޑަޔޯ، އިޓަލީގެ ފެންޝަން ހައުސް، ފެންޑީ އަދި ފްރާންސްގެ ފެޝަނާއި ސެންޓު ބްރޭންޑު ގިވެންޗީގެ ވެސް ބެލެނެވެރި ކުންފުނި، އެލްވީއެމްއެޗްގެ ކެޕް ވެލިޔުއޭޝަންގައި 379.98 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ބާނާޑް އާނަލްޓް އާއި އާއިލާގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 233 ބިލިއަން ޑޮލަރު ހުރިއިރު، އޭނާގެ މިލްކިއްޔާތު 2030 ގެ ނިޔަލަށް އެއް ޓްރިލިއަނަށްވުރެ އިތުރުވާނެ ކަމަށް މުއްސަނދިކަން ދިރާސާކުރާ ކުރާ ގްރޫޕުތަކުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް