މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ގދ. ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އަޕްގްރޭޑްކޮށް، އަލުން ޚިދުމަތް ދޭން ފަށައިފިއެވެ.
މިފްކޯއިން ބުނި ގޮތުގައި ގައްދޫ އައިސްޕަލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ އައިސް ފްލޭކްސް އުފެއްދޭނެއެވެ.
ފްލޭކްސް އައިސް އުފައްދާ އެހެން އައިސް ޕްލާންޓުތަކާ ހިލާފަށް އަމިއްލައަށް އައިސް ނެގުމުގެ ބަދަލުގައި، އައިސް ބަކެޓަށް ޕްލާންޓުގެ އެހީގައި އައިސް އެޅިގެންދާނެކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އަދި އެކަމުގެ ސަބަބުން މަސްވެރީންނަށް ފަސޭހައިން އައިސް ލިބޭނެ ކަމަށް މިފްކޯއިން ބުންޏެވެ.
ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އަޕްގްރޭޑް ކުރިއިރު، މިފްކޯގެ ބެލުމުގެ ދަށުން އިތުރު ފަސް ރަށެއްގައި ދަނީ އައިސް ޕްލާންޓުތައް އޮޕަރޭޓް ކުރަމުންނެވެ.
މިފްކޯއިން މިވަގުތު ހިންގާ އައިސް ޕްލާންޓުތައް
1. ހޯރަފުށި - 25 ޓަން (ފްލޭކްސް)
2.މަޑުއްވަރި - 25 ޓަން (ފްލޭކްސް)
3. ގާފަރު - 25 ޓަން (ފްލޭކްސް)
4. ގައްދޫ - 50 ޓަން (ފްލޭކްސް)
5. ތިނަދޫ - 50 ޓަން (ބްލޮކް އައިސް)
6. ފުވައްމުލައް - 25 ޓަން (ފްލޭކްސް)
- ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް - 100 ޓަން (ބްލޮކް އައިސް)
- ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް - 80 ޓަން (ބްލޮކް އައިސް)
- އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް - 50 ޓަން (ފްލޭކްސް)
މީގެ އިތުރުން ފެނަކައިގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ 18 އައިސް ޕްލާންޓާ ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް މިފްކޯއިން ބުނެއެވެ.