ޔޫއެސް އޯޕަން ކާމިޔާބުކޮށް، ސިނާއަށް އަހަރުގެ ދެވަނަ ގްރޭން ސްލޭމް ތަށި

އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން މުބާރާތުގައި އެއްވަނައަށް ސީޑުކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ހޯދައިފިއެވެ.

މިމުބަރާތުގެ ޗެމްޕިއަންކަން ސިނާ ހޯދާފައިވަނީ އާތާ އޭޝް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި 12ވަނައަށް ސީޑުކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.

ޔޫއެސް އޯޕަންގެ ފައިނަލްގައި އެމެރިކާގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެން ޖެހުމުން ގިނަ މައްސަލަތަކަކާ ކުރިމަތިވާނެކަމަށް ހީކުރެވުނު ނަމަވެސް މެޗުގައި ސިނާއަށް މާ ބޮޑު އުނދަގޫތަކަކާ ކުރިމަތިލާކަށް ނުޖެހުނެވެ.

މިގޮތުން، ފުރަތަމަ ސެޓު ސިނާ ކާމިޔާބުކޮށްފައިވަނީ 6-3 އިންނެވެ. ފުރަތަމަ ސެޓުގެ ފުރަތަމަ ދެ ގޭމް ސިނާ ކާމިޔާބުކުރި ނަމަވެސް ފްރިޓްޒްވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ޖެހިގެންއައި ތިން ގޭމް ކާމިޔާބުކޮށްފައެވެ. ނަމަވެސް، އެއާ އެކު ސިނާ ފެނިގެންދިޔައީ ފްރިޓްޒަށް ވުރެ މާ ވަރުގަދަކޮށެވެ. ސިނާ ވަނީ ދެން ކުޅުނު ހަތަރު ގޭމް ވެސް ކާމިޔާބުކޮށް، ފުރަތަމަ ސެޓު ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓުގައި ފުރަތަމަ ސެޓަށްވުރެ ކުޅުން ރަނގަޅުކޮށް ފްރިޓްޒް ކުޅުނު ނަމަވެސް 5-4އިން ސިނާ ކުރީގައި އޮވެ، ފްރިޓްޒް އެއްވަރުކުރުމަށް ކުރި ސާވް ބްރޭކްކޮށް ސިނާވަނީ ދެވަނަ ސެޓު 6-4 އިން ކާމިޔާބުކޮށްފައެވެ.

މެޗުގެ ފަހު ސެޓު ސިނާ ކާމިޔާބުކޮށްފައިވަނީ 7-5 އިންނެވެ. މި ސެޓުގައި 5-4އިން ސިނާ ކުރީގައި އޮވެ، ޗެމްޕިއަންޝިޕަށް ސާވްކުރި ނަމަވެސް އެ ގޭމް ބްރޭކްކޮށް ފްރިޓްޒްވަނީ 5-5 އިން އެ ސެޓު އެއްވަރުކޮށް، ކުޑަ އުންމީދެއް އާކޮށްފައެވެ. ނަމަވެސް، ޖެހިގެން އައި ދެ ގޭމް ކާމިޔާބުކޮށް، ސިނާ ފުރަތަމަ ފަހަރަށް ޔޫއެސް އޯޕަންގެ ތަށި ކާމިޔާބުކުރިއެވެ.

މިއީ މި އަހަރުގެ ތެރޭގައި އޭނާ ކާމިޔާބުކުރި ގްރޭން ސްލޭމް ދެވަނަ މުބާރާތެވެ. އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފައިވަނީ ވެސް ސިނާއެވެ. އެއީ، އޭނާގެ ކެރިއަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތެވެ.

އޭނާ ވެފައިވަނީ 1977 ވަނަ އަހަރު ގިޔޭރްމޯ ވިޔާސްއަށް ފަހު ކެރިއަރުގެ ފުރަތަމަ ދެ ގްރޭން ސްލޭމް މުބާރާތް އެއް އަހަރުގެ ތެރޭގައި ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން، ސިނާ ވެފައިވަނީ ޔޫއެސް އޯޕަން ކާމިޔާބުކުރި އިޓަލީވިލާތުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިސީޒަންގެ ހަތަރު ގްރޭން ސްލޭމްގެ ތެރެއިން ދެ ގްރޭން ސްލޭމް މުބާރާތް ސިނާ ކާމިޔާބުކުރިއިރު ފްރެންޗް އޮޕަންއާއި ވިމްބަލްޑަން ޝެމްޕިއަންޝިޕްސް ކާމިޔާބުކޮށްފައިވަނީ ސްޕެއިންގެ ކާލޯސް އަލްކަރާޒެވެ. މިއީ 2017 ވަނަ އަހަރަށް ފަހު ސާބިއާގެ ނޯވަކް ޖޯކޮވިޗަށް ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބުނުކުރެވި ނިންމާލި ފުރަތަމަ ސީޒަނެވެ.

މިއީ ޓެނިހުގެ ބާރުވެރިކަން ރޮޖާ ފެޑެރާ، ރަފައެލް ނަޑާލް އަދި ޖޯކޮވިޗަށް ފަހު އާޖީލަކަށް ހަވާލުވުމުގެ ފެށުން ކަމުގައި ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

comment ކޮމެންޓް