ޓީވީ އެކްޓަރު ވިކާސް ސޭތީ މަރުވެއްޖެ

އެކްޓަރު ވިކާސް ސޭތީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ވަރަށް ގިނަ ޓީވީ ޑްރާމާ ސިލްސިލާތައް ކުޅެ ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ އެކްޓަރު ވިކާސް ސޭތީ މަރުވެއްޖެއެވެ.

ވިކާސް މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެންނެވެ. ވިކާސް އަކީ 2000ގެ އަހަރުތަކުގައި އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ ސީރީސްތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓަރެކެވެ.

އޭގެތެރޭގައި ސްޓާ ޕްލަސްއިން ދިގު މުއްދަތަކަށް ދެއްކި "ކިއުކީ ސާސް ބީ ކަބީ ބަހޫ" އަދި "ކަހީ ތޯ ހޯގާ" ހިމެނެއެވެ. ޓެލެވިޜަންގެ ދުނިޔޭގައި ކާމިޔާބު ކެރިއަރެއް ގާއިމު ކުރުމަށްފަހު އޭނާ ފަހުން ފެނިފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުންނެވެ.

އޭގެތެރޭގައި އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބި ވިޔަފާރީގެ ގޮތުން ވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް" ހިމެނެއެވެ.

ވިކާސް ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް"ގެ މަންޒަރެއްގައި ބަތަލާ ކަރީނާއާ އެކު--ފޮޓޯ/ފިލްމުފެއަ

ޢުމުރުން 48 އަހަރުގައި ވިކާސް މަރުވީ ނިދީގައި ކަމަށާއި އޭނާގެ މަރުގެ ޚަބަރާ އެކު ޓެލެވިޜަން އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރު ވިކާސްގެ ސަޕޯޓަރުން ވެސް އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

ވިކާސް މަރުވިއިރު އަންބަކާ އެކު އެއް މާބަނޑު ދެ ފިރިހެން ކުދިން އެބަތިއްބެވެ.

ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން ވިކާސް ދިރިއުޅެމުން އައީ އާއްމުންގެ ތެރެއަށް ނުނިކުމެ ވަރަށް ޕްރައިވެޓް ދިރިއުޅުމެއްގައެވެ.

ހަމަ މި ދުވަސްވަރު ވިކާސްއަށް މާލީ ނުތަނަވަސްކަމަކާއި ކުރިމަތިލާންޖެހި ޑިޕްރެޝަންގެ ޝިކާރައަކަށްވީ ކަމަށް ވެސް ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް