ގައުމީ ޔުނިވާސިޓީގެ ފޮތް މައުރަޒު އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ގައުމީ ޔުނިވާސިޓީން ބުނީ މިއަހަރު ފޮތް މައުރަޒު ބާއްވަނީ 'އެއް ދުވަސްވަރެއްގައި އުޅުނޯ' އެ ތީމަށް ކަމަށެވެ.
ގައުމީ ޔުނިވާސިޓީގެ މައި މަރުކަޒުގައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ އެ މައުރަޒު ހުޅުވާފައި ހުންނާނީ ހަވީރު 16:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 22:00އަށެވެ. އޭގެ ތެރެއިން ހުކުރު ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
ގައުމީ ޔުނިވާސިޓީން ބުނި ގޮތުގައި އެ މައުރަޒުގެ ބޭނުމަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުން ގުޅުވައި ދިނުމެވެ. އެގޮތުން އެ މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދޭ ފުރުސަތެއް ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
އެ މައުރަޒު ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި:
- ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުން
- ޕަބްލިޝް/ ޝާއިއު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސްދެވޭނޭ މާހައުލެއް އުފެއްދުން
- ފޮތަށް އަހުލުވެރި ކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދައި ދެމެހެއްޓުމުގެ ޝައުގު އުފެއްދުން
- ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެ ފުރުސަތު ފަހިކޮށްދީ އެފަދަ މާހައުލެއް އުފެއްދުން
އެ މައުރަޒުގައި 25 ފަރާތަކުން ބައިވެރިވާއިރު އޭގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ސްޓޯލްތަކުގެ އިތުރުން، ދިވެހިބަހުގެ އެކެޑަމީ އާއި ދޮންތި ސީރީސް އާއި ތަކެތި އާއި ގްރޭ ހެރޮން ބުކްސްގެ ސްޓޯލްތައް ހިމެނޭނެއެވެ.
ގައުމީ ޔުނިވާސިޓީން ވަނީ، އެހެން ފަހަރުތަކާ އެއްގޮތަށް މިފަހަރު ވެސް މައުރަޒުގައި ބައިވެރިވުމަށް ހުޅުވައިލައިފައި ވަނީ އެއްވެސް ފީއެއް ނުނަގާ ގޮތަށް ކަމަށް ފާހަގަކޮށްފައެވެ.