ޖިންސީ ގޯނާގެ ތުހުމަތުގައި ބްރެޒިލްގެ ހައްގުތަކާ ބެހޭ ވަޒީރު މަގާމުން ވަކިކޮށްފި

ބްރެޒިލިއާގައި ބޭއްވި ކޮންފަރެންސެއްގައި އިންސާނީ ހައްގުތަކާބެހޭ ވަޒީރު ސިލްވިއޯ އަލްމެއިޑާ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ/ސީއެންއެން

ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބްރެޒިލްގެ އިންސާނީ ހައްގުތަކާބެހޭ ވަޒީރު، ސިލްވިއާ އަލްމެއިޑާ މަގާމުން ވަކިކޮށްފިއެވެ.

ނަމަވެސް އެ ތުހުމަތަށް އަލްމެއިޑާ އިންކާރުކުރައްވައެވެ.

އަލްމެއިޑާ މަގާމުން ވަކިކުރަން ނިންމެވީ ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާއެވެ.

"ވަޒީރު މަގާމުގައި ބެހެއްޓުމަކީ މި ވަގުތަށް އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް ދެކެވަޑައިގަންނަވަނީ،" ރިޔާސީ ގަނޑުވަރުން ހުކުރު ދުވަހުގެ ހަވީރު ނެރުނު ބަޔާނެއްގައިވެއެވެ.

ބްރެޒިލްގެ މީޑިއާތަކާ ހަވާލާދީ 'ސީއެންއެން'އިން ރިޕޯޓުކުރާ ގޮތުގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެނުން ދިފާއުކުރާ ޖަމިއްޔާއެއް ކަމަށްވާ މީޓޫ ބްރެޒިލްއަށް އަލްމެއިޑާގެ ޖިންސީ ގޯނާގެ ޝަކުވާ ވަނީ ލިބިފައެވެ. އެ ޖަމިއްޔާއިން ވަނީ އޭގެ ފަހުން ނެރުނު ބަޔާނެއްގައި އެކަން ކަށަވަރުކޮށްދީފައެވެ.

އަލްމެއިޑާ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ނަސްލީ ހަމަހަމަކަމާ ބެހޭ ވަޒީރު އަނިއެލް ފްރާންކޯ ވަނީ ރައީސް ލޫލާގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފައެވެ.

އެ މައްސަލަ ޕަބްލިކް ޕްރޮސެކިއުޓާސް އޮފީހާއި ކޮންޓްރޯލާ ޖެނެރަލް އަދި ޕްރެޒިޑެންސީގެ އެތިކްސް ކޮމިޝަނުން ތަހުގީގު ކުރާނެ ކަމަށާއި އަލްމެއިޑާއަށް ދިފާއުގައި ވާހަކަދެއްކުމުގެ ހައްގު ވެސް އޮންނާނެ ކަމަށް ލޫލާ ވަނީ ވިދާޅުވެފައެވެ.

އަލްމެއިޑާ ރޭ ނެރުނު ބަޔާނެއްގައި ބުނީ، އޭނާގެ ސުލޫކާ ގުޅޭ ގޮތުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި، އެއީ ކަޅު މީހެއްގެ ގޮތުގައި ކެބިނެޓްގައި ހުރުމުން އޭނާގެ ނަން ހަޑިކުރަން ހިންގާ ކެމްޕޭނެއް ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެގޮތަށް ދޮގު ތުހުމަތުކުރުމަކީ ކުށެއް ކަމަށް ވެސް އަލްމެއިޑާ ފާހަގަކުރައްވައިފައިވެއެވެ.

comment ކޮމެންޓް