ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޕާކިސްތާނު ޑްރާމާ ސީރީޒް "ހަމްސަފަރު" އަސްލަށް ބަލައިގެން އިންޑިއާގައި އެ ސިލްސިލާގެ ސްޓޭޖް ޝޯތަކެއް ބާއްވަން ނިންމައިފިއެވެ.
ޕާކިސްތާނުގެ ހަމް ޓީވީން 2011 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ދެއްކި މި ޝޯގެ ސްޓޭޖް ސިލްސިލާ ޝޯތައް އުފައްދަން ނިންމާފައިވަނީ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ބެލުމުގެ ދަށުންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން "ހަމްސަފަރު"ގެ ސްޓޭޖް ޝޯތަކުގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދާނީ މިހާރު ވެސް ތިއޭޓަ ޝޯތައް ހިންގަމުން އަންނަ އެކްޓަރު އިމްރާން ޒާހިދެވެ. އިމްރާން ޒާހިދަކީ މީގެ ކުރިން ވެސް މަހޭޝް ބަޓްގެ ތިއޭޓަ ޝޯތަކުގައި އެކްޓުކޮށްފައިވާ ފިލްމީ ތަރިއެކެވެ.
އިމްރާން ޒާހިދު ބުނެފައިވާ ގޮތުގައި މަހޭޝް ބަޓް އިސްނަގައިގެން ކުރިއަށްގެންދަން ނިންމާފައިވާ މި ތިއޭޓަ ޝޯތަކުގެ ސަބަބުން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ބަދަހިވެ، ދެ ޤައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަށް ވަރަށް ގިނަ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.
މަހޭޝް ބަޓް ވަނީ ޓެލެވިޒަން ސީރީޒް "ހަމްސަފަރު"ގެ ޕްރޮޑިއުސަރު މޫމިނާ ދުރައިދުއާ މިކަމާ ގުޅިގެން މަޝްވަރާތަކެއް ކޮށްފައި ކަމަށާއި މި އަހަރުގެ ޑިސެމްބަރު މަހުތެރޭ ސްޓޭޖް ޝޯތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އިމްރާން ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ އިތުރުން އިންޑިއާގެ ވެސް ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދި "ހަމްސަފަރު" ޑްރާމާ ސީރީޒަކީ ޕާކިސްތާނުގެ ފިލްމީ ތަރިން ކަމަށްވާ ފަވާދު ޚާން އަދި މާހިރާ ޚާންއަށް ބެލުންތެރިންގެ މަގުބޫލުކަން ލިބުނު ޑްރާމާއެވެ.
ބޭރު ދުނިޔޭގެ ޤައުމުތަކުގައި ވެސް މި ސިލްސިލާއަށް ބޮޑު މަގުބޫލުކަމެއް ލިބި ފަވާދު ޚާނާއި މާހިރާއަށް ބޮލީވުޑްގެ ފިލްމުތަކުން ފުރުސަތު ލިބި މަސައްކަތް ވަނީ ކޮށްފައެވެ.