އުރީދޫ މަސް ރޭސް: 25،000 ރުފިޔާއާ އެކު ހިންމަފުށީގެ ޗެމްޕިއަންކަން ސިފްކޯއަށް

އުރީދޫ މަސްރޭސް 2024: ހިންމަފުށީގެ ޗެމްޕިއަންކަން ސިފްކޯ ޓީމަށް -- ފޮޓޯ/ އުރީދޫ

"އުރީދޫ މަސް ރޭސް 2024 ކ. ހިންމަފުށި" ގެ ޗެމްޕިއަންކަން ސިފްކޯ ޓީމުން ހޯދައިފިއެވެ.

މިއީ އުރީދޫއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މަސް ރޭސް ޖުމްލަ ތިން ރަށެއްގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެއީ, ހިންމަފުށީގެ އިތުރުން ޅ. ނައިފަރު އަދި ގދ. ތިނަދޫގައެވެ.

މި ތިން ރަށުގައި ބާއްވާ މަސް ރޭހުން ވެސް އެއްވަނަ ޓީމަކަށް 25،000 ރުފިޔާ އިނާމެއް ދިނުމަށް އުރީދޫން ވަނީ ނިންމާފައެވެ. އެ ގޮތުން, އިއްޔެ ހިންމަފުށީގައި ބޭއްވި މަސް ރޭހުގެ އެއްވަނަ ޓީމު، ސިފްކޯއަށް ވެސް ވަނީ 25،000 ރުފިޔާ ލިބިފައެވެ.

އުރީދޫ މަސްރޭސް 2024: ޓީމުތަކުގެ ބައިވެރިން މަސް ރޭހުގައި -- ފޮޓޯ/ އުރީދޫ

ހިންމަފުށީ މަސް ރޭހުގައި 21 އަށްވުރެ ގިނަ ޓީމުން ބައިވެރިވިއެވެ.

އުރީދޫއިން ބުނީ, ޓީމުތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ޚާއްސަ ގިނަ އެވޯޑުތަކެއް ދީފައިވާ ކަމަށެވެ. އެ ގޮތުން:

  • ޗެމްޕިއަން ޓީމް: 999.35 ޕޮއިންޓާ އެކު ޓީމް ސިފްކޯ
  • ދެވަނަ ޓީމް: 807.85 ޕޮއިންޓާ އެކު ގޯޅިއަންސް ސްޕޯޓްސް ކްލަބް
  • ތިންވަނަ ޓީމް: 608.1 ޕޮއިންޓާ އެކު ޑިޓިއުން ފިޝިން
  • އެންމެ ބަރު މަސް: ހަސަން ނައީމް، މާސްޓާ ކްލާސް – 37.7 ކިލޯގެ ފާނަ
  • އެންމެ މޮޅު ކެޔޮޅު، ފިރިހެން: ހަސަން އައްޒާމް، ގޯޅިއަންސް ސްޕޯޓްސް ކްލަބް، 25 މަސް
  • އެންމެ މޮޅު ކެޔޮޅު، އަންހެން: ފާތިމަތު ފެޒްލީން، ޑިޓިއުން ފިޝިން، 17 މަސް

އުރީދޫ މަސްރޭސް 2024: ޓީމުތަކުގެ ބައިވެރިން މަސްރޭހުގައި -- ފޮޓޯ/ އުރީދޫ

ޗެމްޕިއަން ޓީމަށް ލިބޭ ފައިސާގެ އިނާމުގެ އިތުރުން ވެސް މި މަސް ރޭހުގައި ފައިސާގެ އިނާމުތައް ލިބޭނެއެވެ. އެ ގޮތުން, ދެވަނަ ޓީމަކަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަކަށް 5,000 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން, އެންމެ މޮޅު ފިރިހެން އަދި އަންހެން މަސްވެރިޔާއަށް 1,000 ރުފިޔާ ލިބޭނެއެވެ.

އުރީދޫގެ މި އަހަރުގެ މަސް ރޭސް ހިންމަފުށީގައި މިއަދު ފަށާފައިވާއިރު ތިނަދޫ ސިޓީގައި މަސް ރޭސް އޮންނާނީ އަންނަ ހުކުރު ދުވަހެވެ. އަދި، ނައިފަރުގައި ފަށާނީ މި މަހުގެ 23 ވަނަ ދުވަހެވެ.

comment ކޮމެންޓް