ފޭރުނީ ނިދާފައި ތިއްބާ ފެންލައިޓުން ވަދެ، ކަރުގައި ވަޅިޖައްސައިގެން

އިލެކްޓްރޯނިކް ސާމާނުތަކެއް ފޭރުމުން ހައްޔަރުކުރި ދެ ފިރިހެނުންގެ ވަނަވަރު: ފުލުހުން ބުނީ ފޭރުނީ ނިދާފައި ތިއްބާ ފެންލައިޓުން ވަދެ، ކަރުގައި ވަޅިޖައްސައިގެން ކަމަށް -- ފޮޓޯ/ ފުލުހުން

މާލޭގެ ގެއަކުން އިއްޔެ އިލްކެޓްރޯނިކް ސާމާނުތަކެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކުރީ، އެ ގެއަށް ވަދެ ނިދާފައި ތިބި މީހުންނަށް ވަޅިން ބިރުދެއްކައިގެން ފޭރުމުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (30އ) އަދި ވިދުވަރު، ބ. ދަރަވަންދޫ، ހުސައިން ޝާއިފް (32އ)އެވެ.

މި މައްސަލައިގެ އިތުރު ތަފުސީލާ އެކު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މާފަންނުގައި ހުރި ގެއެއްގެ ފާޚަނާ ފެންލައިޓުން ވަދެ، ކޮޓަރީގައި ނިދާފައި ތިބި ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައި، އެއްވެސް ހަރަކާތެއް ކޮށްފިނަމަ މަރާލާނެ ކަމަށް ބުނެ، ބިރުދައްކާފައިވާ ކަމަށެވެ.

ކޮޓަރީގައި ތިބި ދެ މީހުންގެ މޮބައިލް ފޯނާއި، ލެޕްޓޮޕެއްގެ އިތުރުން އެހެނިހެން ތަކެތި ފޭރުނުކަމުގެ މައްސަލަ އިއްޔެ ރިޕޯޓުކުރި ކަމަށް ފުލުހުން ބުންޏެވެ.

އެ ތަކެތި ފޭރުމަށް ފަހު އެ ދެ މީހުން ފިލައިގެން ގޮސްފައިވަނީ އަލުން ފާޚަނާއަށް ވަދެ، އެތެރެއިން ދޮރު ތަޅުލުމަށް ފަހު ފެންލައިޓުން ނުކުމެގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ދެ މީހުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށް، ފޭރުނު ލެޕްޓޮޕާއި މޮބައިލް ފޯނުތަކުގެ އިތުރުން ފޭރުނުކަމަށް ތުހުމަތުކުރާ އެހެނިހެން ތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދިނެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ އިތުރުން މާރާމާރީގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އަދި، ފުލުހުން ގެންދަނީ އެ މައްސަލަތަކުގައި ހައްޔަރުކުރާ ފަރާތްތަކުގެ ވަނަވަރު ހާމަކުރަމުންނެވެ.

comment ކޮމެންޓް