ނޭނގިވެސް ޝިރުކު ކުރެވިދާނެ ކަމަށާއި، އެހެންވެ އެކަމުން ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި އިލްތިމާސްކޮށްފިއެވެ.
ހުކުރު ޚުތުބާގައި ވަނީ ޝިރުކުކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަންކުރުމާއި އެފަދަ ތަކެއްޗަށް ސަޖިދަކުރުން ނޫން ކަމަށް ބުނެފައެވެ. އެގޮތުން ނޭނގި، ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވޭ ކަމަށާއި ރަސޫލާގެ ހަދީސުން މިކަން ވަރަށް ރަނގަޅަށް ސާބިތުވާކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި ވަނީ ރަސޫލާ ދުނިޔެއަށް ވަޑައިގަތީ ދުނިޔޭގައި ޝިރުކުގެ ޢަމަލުތައް އިންތިހާއަށް ގޮސްފައިވި ދުވަސްވަރެއްގައި ކަމަށް ބުނެފައެވެ. އެ ދުވަސްވަރު އިންސާނުން ދިޔައީ އެ މީހުންގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުމުގެ ބަދަލުގައި، އެ މީހުންގެ އަމިއްލަ އަތުން ކޮށައި މަށައިގެން ހަދައިފައިވާ ހިލަތަކަށާއި އެނޫންވެސް ތަކެއްޗަށް އަޅުކަންކުރަމުން ކަމަށް ވަނީ ބުނެފައެވެ.
އަދި އިންސާނުން އެންމެހައި މަޚްލޫޤުންގެ މައްޗަށް މާތްކުރައްވައި ހެޔޮނުބައި ވަކިކޮށް ދެނެގަތުމަށްޓަކައި ދެއްވި ސިކުނޑީގެ ބޭނުންކުރަމުން ދިޔައީ އެތަކެއްޗަށް ސިކުނޑި ދެއްވައިފައި ނުވާ، އެތައް ދަރަޖައެއް ދަށް، ހައިވާނުންނެކޭ އެއްފަދައިން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި ބުނީ އެމީހުން މާތްވެގެންވާ ކަޢުބާގެ ވަށައިގެން ޠަވާފުކުރަމުން ދިޔައީ ތިމާމެން ދުނިޔެއަށް އުފަންވި އިރު ތިބި ފަދައިން އުނުއޮރިޔާން ނިވައިނުކޮށް ކަމަށެވެ. އަދި ޢަދުލު އިންސާފަކީ ބާރާއި ނުފޫޒު ކަމަށާއި ޙައްޤު އޮތީ މުއްސަނދިމީހާގެ އެކަނި އެއްޗެއްކަމުގައި ވެފައި ކަމަށް ޚުތުބާގައި ބުންޏެވެ.
އޭރު ދުނިޔެވަނީ މި ފަދަ ލާއިންސާނިއްޔަތުގެ ކަންތައްތަކުގެ ސަބަބުން އުޅޭން އުނދަގޫ ތަނަކަށް ވެފައި ކަމަށާއި އެފަދަ ހާލަތަކަށް ދުނިޔެގޮސްފައި ވަނިކޮށް މާތްﷲ އިންސާނުންގެ މައްޗަށް އިޙުސާންތެރިވެވޮޑިގެން އެ މީހުންގެ ތެރެއިން ރަސޫލަކު ފޮނުއްވި ކަމަށް ޚުތުބާގައި ވަނީ ބުނެދީފައެވެ.
އަދި ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުމުން އެކަލޭގެފާނުގެ އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށްވީ ﷲފިޔަވައި މީސްތަކުން އަޅުކަންކުރަމުން ދިޔަ ފަރާތްތަކަކީ ބާޠިލު ފަރާތްތަކެއްކަން އަންގަވައިދެއްވުމާއި، ޙައްޤުވެގެން އަޅުކަންކުރާން ޖެހެނީ ހަމައެކަނި ﷲއަށްކަން މީސްތަކުންނަށް އަންގަވައިދެއްވުން ކަމަށް ޚުތުބާގައި ބުންޏެވެ.
އެހެންކަމުން ރަސޫލާ މައްކާގައި ހޭދަކުރެއްވި ތޭރަ އަހަރު އެކަލޭގެފާނު ހޭދަކުރައްވައިފައި ވަނީ ހަމައެކަނި މާތް ﷲގެ އެއްކައުވަންތަކަމަށް ހެކިވުމަށާއި، އެކަލާނގެ ރުބޫބިއްޔަތަށް އީމާންވުމަށާއި، އެކަލާނގެ އުލޫހިއްޔަތަށް އީމާންވުމުގެ މައްޗަށް ގޮވައިލެއްވުމުގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
އަދި މި ކަމުން އަންގައިދެނީ ޢަޤީދާގެ މާތްކަމާއި، މި ޢަޤީދާ ވާންޖެހޭނީ ހަރުދަނާ ޢަޤީދާއަކަށް ކަމާއި އިންސާނުން އަޅުކަން ކުރާންޖެހޭނީ ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކާއި، އެންމެހައި މަޚުލޫޤުން ވެސް ހެއްދެވި މާތް ވެގެންވާ ﷲއަށް ކަމަށް މިއަދުގެ ހުކުރު ހުކުރު ޙުތުބާގައި ވަނީ ބުނެފައެވެ.