ހޯރަފުށީގައި އިމާމެއްގެ ގޮތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މަނިކުބެ ނިޔާވެއްޖެ

ހޯރަފުށީ އަބްދުއް ސަލާމު އަލީ (މަނިކުބެ): މަނިކުބެ ވަނީ އިމާމެއްގެ ގޮތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައި --

ހއ ހޯރަފުށީގައި އިމާމެއްގެ ގޮތުގައި ގިނަ އަހަރުތަކަކަށް ޚިދުމަތް ކުރައްވާފައިވާ އަދި ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއުގެ ބައްޕާފުޅު، ޢަބްދުއްސަލާމު ޢަލީ (މަނިކުބެ) ނިޔާވެއްޖެއެވެ.

ހޯރަފުށްޓަށް ނިސްބަތްވެވަޑައިގަންނަވާ، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަނިކުބެއަކީ ހޯރަފުށީގެ ތާރީޚުގައި ރައްޔިތުންނަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވި އެއް ބޭފުޅާ ކަމަށެވެ.

"އަޅުގަނޑުމެން ކުޑައިރުވެސް އަދި ބޮޑުވެ ވަޒިފާއަށް ނިކުތް އިރު ވެސް ރަށުގެ ބޮޑު މިސްކިތުން މަނިކުބޭގެ އަޑު ނީވޭ ދުވަހެއް ނުދެއެވެ. ކޮންމެ ނަމާދެއްގެ ބަންގި ގޮވާލެއްވުމާ، އިމާމު ވެ ނަމާދު ކުރެއްވުމާއި ހުކުރު ނަމާދު ކުރެއްވި ދިގު މުއްދަތަކީ ރަށެއްގެ ރައްޔިތަކަށް އާއްމު ފަރުދަކަށް ކޮށްދެވޭނެ އެންމެ ބޮޑު ޚިދުމަތެވެ." އޭނާ ވިދާޅުވެފައެވެ.

ތޯހާ ސިފަކުރެއްވި ގޮތުގައި މަނިކުބެއަކީ ބަސް މަދު، އަޅުކަމުގައި މުޅި އުމުރު ހޭދަ ކުރެއްވި އިމާމެކެވެ. އެއީ އަޅުވެރި މުސްލިމެއްގެ އިތުރުން، ނަމޫނާ މުވައްޒަފެއް، ފަޚުރުވެރި ބައްޕައެއް އަދި ލާމަސީލު ފިރިއެއް ކަމަށާއި މަނިކުބެއަކީ ހޯރަފުށި ފަޚުރުވެރިވާ ދަރިއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މަނިކުބެ ނިޔާވި ނަމަވެސް އޭނާގެ ޚިދުމަތާއި ތެދުވެރި އިޚުލާޞްތެރި މަސައްކަތުގެ ވާހަކައަށް ނިމުމެއް ނެތް ކަމަށް ތޯހާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ރަހުމަތްތެރި ޝާމިލާ މިސް އާއި، އަލީ ޝުޖާއުއަށް ލިބިގެން ދިޔަ އާއިލީ ހިތާމައިގައި ބައިވެރިވަމެވެ. ބައްޕަ އެ ވަޑައިގަތީ ބައްޕަގެ ގައުމީ ޚިދުމަތް ދަމަހައްޓާނެ ފަޚުރުވެރި ދެ ދަރިން ގައުމާ ހަވާލުކޮށްފައެވެ. ބައްޕަގެ ނަން ފަނޑުނުވާނޭ ފަދަ ޚިދުމަތުގައި ދެމި ތިއްބަވާށެވެ." އޭނާ ލިޔުއްވާފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މަނިކުބެ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެ، އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

"މަރުޙޫމް ޢަބްދުއްސަލާމް ޢަލީއަކީ، ހއ.ހޯރަފުށީގައި އިމާމުވެ ނަމާދުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވައި، ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ، ދީންވެރި، ޚުލްޤު ހެޔޮ ބޭފުޅެކެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް، ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަން ކުރައްވައިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގައެވެ.

comment ކޮމެންޓް