ޒަމާންވުމަކީ ގައުމީ ދުވަހުގެ ޒިކުރާއަށް 'ފަނޑު' ކަމެއް އަންނަ ކަމެއް ނޫން ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.
ހއ. އުތީމުގައި މިރޭ ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކަޅުއޮށްފުންމި އަކީ ވެސް ޒަމާންވުމަކުން އޭގެ ދުވެއްޔަކަށް މަޑުކަމެއް އަންނަ އޮޑިކޮޅެއް ނޫންކަމަށެވެ. އެގޮތުން، ރާއްޖޭގެ ތާރީޚަށް ބަލާއިރު އެއް ޖީލުން އަނެއް ޖީލަށް މެދުކެނޑުމެއް ނެތި ދަތުރުކުރަމުން އައި ހަމައެކަނި އޮޑިއަކީ ކަޅުއޮށްފުންމިކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ތާރީޚުގެ އެކި ހިސާބުތަކުގައި މުޞްލިޙުން އުފެދޭ ކަން ފާހަގަކުރައްވާ އާދަމް ނަސީރު ވިދާޅުވީ، ދިވެހި ރާއްޖޭގެ ތާރީޚަށް ބަލާއިރު، އެކި ޒަމާންތަކުގައި ރާއްޖެއިން ވެސް މުޞްލިޙުން ފެންނަން އެބަ ހުރި ކަމަށެވެ.
ގައުމީ ދުވަށް ޚާއްސަކޮށްފައިވާ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން 'އުދަރެހުން ވިދާލި' ދުވަސްވަރަކީ ރާއްޖެއަށް އިސްލާހުތަކެއް ބޭނުންވެފައި އޮތް ދުވަސްވަރެއް ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.
އެ ދުވަސްވަރަކީ ރާއްޖޭގެ މިނިވަންކަން ގެއްލި، އަޅުވެތިވެފައިވާ ދުވަސްވަރެއް ކަމަށްވުމުން، ދިވެހި ދައުލަތެއް އަލުން އިއާދަކުރަން މުޞްލިޙަކު ބޭނުންވެފައި އޮތް ދުވަސްވަރެެއް ކަމަށް އޭނާ ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ ޒަމާންވީ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންގެ ދެދުނިޔޭގެ އިލާހީ ބާއްޖަވެރިކަމުގައިވާ އިލާހީ ނަސީބު އަޅުގަނޑުމެނަށް ގެއްލެމުން، ފަނޑުވަމުން ދިޔަ އެ ބިން އަނބުރާ ގެންނަން އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައި އޮތް ދުވަސްވަރެއް
އިތުރަށް ވާހަކަދައްކަވަމުން، ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައްޓަވާފައި ވަނީ ވެސް މުޙައްމަދު ތަކުރުފާނު ކުރެއްވި ފަދަ އިސްލާހީ މަސައްކަތްތަކެއް ކަމަށެވެ.
އެގޮތުން، ރާއްޖޭގެ އަޚުލާގާއި، މިނިވަންކަމާއި، މަސައްކަތްތެރިކަމާއި، ޒުވާނުންގެ ފަންނުވެރިކަން އިއާދަކޮށް، އިސްލާހު ކުރުމުގެ އިތުރުން ގެއްލެމުންދާ ދިވެހިންގެ ތަރީޚާއި ތަރިކަތައް އިޔާދަކުރުމުގެ މަސައްކަތް އެމަނިކުފާނު ކުރއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން، ރައީސް މުއިއްޒަކީ ރާއްޖޭގެ ތާރީޚުގައި އަދުގެ މުޞްލިޙު ކަމަށާއި ދިވެހިން އަލުން އާ ހަގީގަތްތަކަށް ހޭލައްވާލުމުގެ ބަނީކަން އާދަމް ނަސީރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، އޭނާ ވިދާޅުވީ، ގައުމު ސަލާމަތް ކުރުމުގެ ދަތުރަކީ މަޑުޖެހުމެއް އޮތް ދަތުރެއް ނޫން ކަމަށާއި ގައުމާ މެދު ހޭލާ ތިބުމުގެ ދަތުރަކީ އަބަދަށްޓަކައި ކުރަން ޖެހޭ މުހިންމު ދަތުރެެއް ކަމަށެވެ.