ބަސްތައް ކިޔައިދީގެން، ހަ އަހަރުގެ ޚައިރާ ދިވެހިބަސް އާލާކުރުމުގައި

ޚައިރާ ބަހަށް ކޮށައިދެނީ އަލިމަގެއް ----

"އައްސަލާމް ޢަލައިކުމް ކުދިން، ހިނގާ އައު ދިވެހި ބަހެއް ދަސްކޮށްލަމާ،" މިއީ އިންސްޓަގްރާމުގައި ކުޑަ އަންހެން ކުއްޖަކު ވީޑިއޯއެއް ފަށައިގަތް ގޮތެވެ. ދިވެހި ގިނަ ކުދިން އިނގިރޭސި ބަހަށް ބޮޑަށް ފަރިތަ މި ދުވަސްވަރު، 'ޚައިރާގެ ދަތުރު'ގެ ނަމުގައި ހަދައިފައިވާ އެކައުންޓުން މަސައްކަތް ކުރަނީ ކުޑަކުދިންނާ ދިވެހި ބަހާ ގުޅުވޭތޯއެވެ.

ދިވެހި ބަހަށް ޓަކައި 'ޚައިރާގެ ދަތުރު' މި ކުރަނީ އެންމެ ހަ އަހަރުގެ ޚައިރާ ޔޫލީ ޔަމާންއެވެ. ކޮންމެ ވީޑިއޯ ވެސް ސަލާމުން ފަށައި، ދިވެހި ބަހެއް ދަސްކުރުމަށް ދައުވަތު ދީ، ދެން ކިޔައިދެނީ އިނގިރޭސި ބަހުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ބަހެވެ. އަދި އެ ބަސް ބޭނުންކުރެވޭނެ ގޮތުގެ މިސާލެއް ވެސް ކިޔައިދެއެވެ.

"ހިނގާ ވޯޓާފޯލް ނުކިޔާ ކިޔަން ފެނާރު، އޭރުން ކޮއްކޮމެންނަށް ވެސް އެނގޭނެ. މިސާލަކަށް ޚައިރާއަށް ވަރަށް ވަރަށް ރީތި ފެނާރެއް ފެނިއްޖެ."

އެ ވީޑިއޯއަށް އެކަނި ވެސް 70އަށް ވުރެ ގިނަ މީހުން 'ލައިކްސް' ދީފައިވާއިރު އެ ޕޭޖު 'ފޮލޯ' ކުރާ މީހުންގެ އަދަދު 700އަށް ވުރެ އިތުރުވެ. އޭގެ ދެބައިކުޅަ އެއްބައި ފޮލޯވަރުންގެ ފަރާތުން ވެސް ކުޑަކުދިންނަށް ޚައިރާގެ މެސެޖު ފޯރުކޮށްދެވިއްޖެނަމަ، އެއީ ބަހަށް ކޮށްދެވޭ ޚިދުމަތެއްކަން ޔަގީނެވެ.

މިއީ ކުޑަ ޚައިރާ ދިވެހި ބަސް އާލާކޮށް، ކިޔަވައިދިނުމަށް ދޭ އިސްކަމުގެ ވާހަކައެވެ. އެކަމަށް އޮތް ލޯތްބާއި، ދިވެހި ބަސް އެހެން މީހުންނަށް ކިޔައިދިނުމަށް ކުރާ ގައުމީ މަސައްކަތުގެ ވާހަކައެވެ.

އެންމެ ކުޑައިރުން ފެށިގެން ލޯބިޖެއްސީ ދިވެހިބަހަށް!

ޚައިރާގެ މަންމަ ނިއުލީނާ ބުނީ، ޚައިރާއަަށް ކުޑައިރުން ފެށިގެން ކިޔައިދިނީ ދިވެހި ބަސް ކަމަށެވެ. އެއީ ދިވެހި ބަހަށް އޭނާގެ ލޯބި ޖެއްސުމަށެވެ. އެހެންވެ، ނިންދެވީ ދިވެހި ވާހަކަތައް ކިޔައިދީގެންނެވެ. ދިވެހި ބަހުގެ މުއްސަނދި ކަމާއި ރީތި ކަމުގެ އެކި ވާހަކަތައް ޚައިރާއަށް ކިޔައިދެއެވެ.

އަންނަ ދިރާސީ އަހަރު ގްރޭޑް އެކެއްގައި ކިޔަވަން ފަށާ ޚައިރާއަށް ދެން ބުނެދޭން ފެށީ އެހެން މީހުންނަށް ވެސް ދިވެހި ބަސް ކިޔައިދިނުމުގެ މުހިންމުކަމުގެ ވާހަކައެވެ. އޭރުން އެހެން މީހުން ވެސް ދިވެހި ބަހުން ވާހަކަ ދައްކާނެކަން ކިޔައިދިނެވެ.

ޚައިރާ ----

ކެންގަރޫ ކިޑްސް އިންޓަނޭޝަލް ޕްރީސްކޫލުގައި ކިޔެވިއިރު ވެސް އެހެން ކުދިންނާ ޚައިރާ ތަފާތެވެ. މަންމަގެ ވާހަކަތަކުން ބަހަށް ޖެހުނު ލޯބިން އަބަދު ވެސް ވާހަކަދައްކަނީ ދިވެހި ބަހުންނެވެ. އެ އާދަ ރަހުމަތްތެރި އެހެން ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ވެސް ޚައިރާ މަސައްކަތްކުރެވެ.

"ކެންގަރޫ ކިޑްސްގައި އުޅުނުއިރު މިސްމެން ވެސް ބުނާނެ ޚައިރާ ވަރަށް ތަފާތޭ. ދިވެހިންނޭ ވާހަކަދައްކާނީ. އެހެން ކުދިންނާ ވާހަކަދައްކާއިރު ވެސް ބުނާނެ ދިވެހިން ވާހަކަދައްކާށޭ،" ނިއުލީނާ ބުންޏެވެ.

ދިވެހި އައު ބަހެއް ކިޔައިދޭ ޕޭޖެއް އުފަންވުން

ނިއުލީނާ ބުނީ، ޚައިރާ އުމުރުން އެއް އަހަރުން ފެށިގެން ވީޑިއޯތައް ހެދި ކަމަށެވެ. އެކަމަކު، އެއީ ކައްކާ ވީޑިއޯތަކާއި ކުލަ ޖެއްސުން ފަދަ ކަންކަން ކުރާ ވީޑިއޯތަކެވެ.

އޭރުވެސް ގޭތެރެގައި އުޅޭއުޅުމުގައި ޚައިރާ ކުރާ ސުވާލަކީ އިނގިރޭސިން ކިޔާ ބަހަކަށް ދިވެހިން ކިޔާ ނަން އެނގޭތޯއެވެ. އެ ބަހެއް ހޯދަން ގިނަ ފަހަރަށް ޖެހެނީ ކޮންމެވެސް މީހަކަށް ގުޅަން ނުވަތަ ފޮތެއް ބަލަން ކަމަށް ނިއުލީނާ ބުންޏެވެ.

އެކަން އެހެން އޮތްއިރު، މި ރޯދަ މަހު ނިއުލީނާ ނިންމީ އެހެން މީހުންނަށް ދިވެހި ބަސް ކިޔައިދޭން އައު ޕޭޖެއް ހަދާށެވެ. "ޚައިރާގެ ދަތުރު"ގެ ނަމުގައި އިންސްޓަގްރާމްގައި މިމަހުގެ ދެއެއްގައި ޕޭޖެއް ހަދައި ވީޑިއޯތައް އަޕްލޯޑު ކުރަން ފެށިއެވެ.

ޚައިރާ ކާއެއްޗެއް ހަދަނީ ----

އެ ވީޑިއޯތަކުގައި އިނގިރޭސިން ކިޔާ އެއްޗަކަށް ކިޔާ ބަހެއްގެ ދިވެހި ބަސް ޚައިރާ ބުނެދެއެވެ. އެކަން ކުރަން ފެށީ މީހުން ޝައުގުވެރިވާނެ ކަމަށް ވިސްނާފައި ނޫން ކަމަށް ނިއުލީނާ ބުންޏެވެ.

"އަސްލު ހިއެއް ނުކުރަން މީހުންނަށް ކަމުދާނެ ކަމަކަށް ވެސް. ވަރަށް ގިނަ މީހުން ބަލާފައި ވެސް ހުރޭ. ބައެއް މީހުން ބުނޭ އެ ވީޑިއޯތަކުން އައު ބަސްތައް ދަސްވެޔޭ"

ޚައިރާ މި ލޯބި ވީޑިއޯތަކުން އެންމެންނަށް އައު ބަސްތައް އެބަ ދަސްވެއެވެ. ދިވެހި ބަހުގެ މުއްސަނދިކަން ހާމަވެއެވެ. ކަމަކަށް ޚާއްސަ ލަފުޒެއް އޮންނަ ނަމަ، އެ ލަފުޒެއް ބޭނުންކުރުމަށް ޚައިރާ ވީޑިއޯތަކުގައި އެދެއެވެ.

ޚައިރާ ދިގު ހެދުމެއް ލައިގެން ----

ޚައިރާ މި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ނިއުލީނާގެ ކަންބޮޑުވުމަކީ ދިވެހީންނަށް އަދިވެސް ކުޑަކުދިންނާ ވާހަކަ ދެއްކެނީ އިނގިރޭސި ބަހުން ކަމެވެ. އެ ކުދިންނަށް ޓީވީންނާއި އިންޓަނެޓުގެ ޒަރީއާއިން ދެއްކެނީ އިނގިރޭސި ބަހުން ވާހަކަ ދައްކާ ވީޑިއޯތައް ކަމެވެ.

އޭގެ ބަދަލުގައި ކުދިންނަށް ކިޔައިދޭންވީ ދިވެހި ބަހުން ލިޔެފައިވާ ވާހަކަތައް ކަމަށް ނިއުލީނާ ބުނެއެވެ. ބަހަށް އުފެދުނު ލޯބިން ދަރިފުޅަށް ވެސް އެކަން ކިޔައިދީގެން ބަސް ދިރުވައި އާލާކުރުމަށް ނިއުލީނާ ބޭނުންވެއެވެ.

އެހެންވެ، އޭނާ އެދުނީ ބެލެނިވެރިން ވެސް ދިވެހި ބަހުގެ ރީތި ކަމުގެ ވާހަކަ ދަރީންނަށް ކިޔައިދިނުމަށެވެ.

"އިނގިރޭސި ކިޔައިނުދޭށެކޭ ނޫން. ދިވެހި ބަސް ކުދިންނަށް ކިޔައިދޭން ތިބޭނީ ބެލެނިވެރިން. ބެލެނިވެރިން ކުދިންނަށް އޭގެ މުއްސަނދި ވާހަކަތައް ކިޔައިދިނީމަދޯ އެކުދިންގެ ހިތުގައި ވެސް އެ ބަހަށް ލޯބި ޖެހޭނީ،" ނިއުލީނާ ކިޔައިދިނެވެ.

ޚައިރާ ----

ޚައިރާ ކުރަމުންމިދާ މަސައްކަތާއެކުވެސް، ދިވެހި ބަސް އާލާކުރެވޭނެ ކަމުގެ އުއްމީދު ކުޑަކަން ނިއުލީނާ ފާހަގަކުރެއެވެ. ދުވަހެއް ދުވަހަކަށް ބަސް ނެތިދާ މަންޒަރު ފެންނަ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރިއެވެ.

މިކަން އެހެންވިޔަ ނުދިނުމަށް ހަ އަހަރުގެ ޚައިރާގެ މަސައްކަތުން މިސާލު ނަގަންޖެހެއެވެ. އަންނާން އޮތް ޖީލުތަކަށް މި ބަސް ވާރުތަކޮށްދޭން ޖެހެއެވެ. އަދި، ޚައިރާގެ މި މަސައްކަތުގައި ބައިވެރިވެ، ދިވެހި ބަހަށް ކުރިމަގެއް ހޯދައިދޭން މަސައްކަތް ކުރަން ވެއްޖެއެވެ.

comment ކޮމެންޓް