ސާއިދު ބަލިކޮށް އިބާދުއްﷲ ގައުމީ މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފި

ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުން އިބާދުﷲ ރަން މެޑަލް ހާސިލްކުރުން ---- ފޮޓޯ/ މިހާރު

ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބަލިކޮށް، ރައުހަތު ސްޕޯޓްސްގެ އިބާދުﷲ އާދަމް ރަން މެޑަލް ކާމިޔާބުކޮށްފިއެވެ.

އެގޮތުން، މިއަދުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ފައިނަލްގައި ދިވެހި ސިފައިންގެ ކުލަބުގެ ސާއިދު ބަލިކޮށް، އިބާދުﷲ ކާމިޔާބުކޮށްފައި ވަނީ، 10.59 ސިކުންތުން ދުވުން ނިންމައިގެންނެވެ.

އެ ދުވުމުގެ ރިހި މެޑަލް ހާސިލްކުރި ސާއިދު ދުވުން ނިންމީ 10.67 ސިކުންތުން ކަމަށްވާއިރު، އެ ދުވުމުން ތިން ވަނަ ހާސިލްކުރި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ މުޙައްމަދު މިންހާލް ޝާމިން ދުވުން ނިންމީ 10.74 ސިކުންޓުންނެވެ.

އިބާދުﷲގެ މި ކާމިޔާބީއަށް ސާއިދު ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

މަރުހަބާ ކިއުމަށް ސާއިދު ކުރި ޕޯސްޓުގައި ވަނީ، ކުރިއަށް އޮތް ތަނުގައި އިތުރު ބޮޑެތި ކާމިޔާބީތައް ހޯދާއިރު، ޕްރޮފެޝަނަލްކަމާއި ޑިސިޕްލިން ބެހެއްޓުމަސް އެދިފައެވެ.

އަދި އިބާދުﷲ ފަދަ ޒުވާން ހުނަރުވެރި ކުޅުންތެރިންނަކީ ރާއްޖެއަށް ނުހަނު ބޭނުންވާނެކަމަށް އޭނާ ލިޔެފައި ވެއެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ ރިކޯޑު ސާއިދު ހެދީ 2016ވަނަ އަހަރެވެ.

އަންހެނުންގެ 100 މީޓަރުގެ ދުވުމުން ޗެންޕިއަންކަން ކަމިޔާބުކުރީ ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރެވެ.

އެގޮތުން، އަހުނާ މިދުވުން ނިންމީ 12.33 ސިކުންތުން ކަމަށްވާއިރު، ކަސްޓަމްސްގެ ރެކްރިއޭޝަން ކުލަބުގެ އައިޝަތު ޝަބާ ސަލީމް ދެވަނަ ކާމިޔާބު ކުރީ 12.40 ސިކުންތުން އެ ދުވުން ނިންމައިގެނެވެ.

ފިރިހެނުންގެ ދުވުމުގައި ދުވުންތެރިންތަކެއް: މިފަހަރުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހާސިލްކުރީ އިބާދު ﷲ ---- ފޮޓޯ/ މިހާރު

އަންހެނުންގެ 100 މީޓަރުގެ ދުވުމުން ތިން ވަނަ ކާމިޔާބުކުރީ އައްޑޫ އެތްލެޓިކްސްގެ އައިޝަތު ހިމްނާ ހަސަނެވެ. ހިމްނާ މި ދުވުން ނިންމާފައި ވަނީ 12:58 ސިކުންތުންނެވެ.

އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ މުބާރާތް މިއަދު ފަށާފައިވާއިރު، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް